ށ. ފޯކައިދޫގައި ފުޓްސަލް ދަނޑަކާއި، ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރެއްވުމުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ ށ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ޒުވާނުންގެ ކުރިމަގަށްޓަކައި ބިނާކުރަންޖެހޭ ވަސީލަތްތައް ޤާއިކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ފުޓްސަލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއްއް އެރަށުގައި ތަރައްޤީކުރެއްވުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށެވެ.
"މިހާރު ކުޅިވަރު ދަނޑުތައް ތަރައްޤީ ކުރަނީ ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓު ޖަހައި ހުރިހާކަމެއް ފުރިހަމަކޮށްގެން. ފޯކައިދޫގައި ޒަމާނީ ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއްގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެކިއެކި ރަށްރަށަށް ވަޑައިގެން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަންނަނީ އިފްތިތާހްކޮށްދެއްވަމުންނެވެ. އަދި ރަށްރަށުގައި ނުނިމި ހުރި ބައެއް މަޝްރޫއުތައް ނިންމުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކާއި ވަނީ ހަވާލުކޮށްފައެވެ.