ޚަބަރު

ކުޅުންތެރިން ކުރި ހިތްވަރާއިމެދު ހިތްހަމަޖެހޭ، ވަންނަ ގޯލުތައް ހުއްޓުވެންޖެހޭ: މޯހަން


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗަކީ 3-0 ކުން ބަލިވާން ޖެހޭވަރުގެ މެޗެއް ކަމަށް ނުދެކޭކަމަށާއި އެހެންނަމަވެސް ކުޅުންތެރިން ކުރި ހިތްވަރާއިމެދު ހިތްހަމަޖެހޭ ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ މައިގަނޑު ކަމަކަށް މި މެޗުގައި ބެލީ ބޮޑު ނަތީޖާއެއް ނައުން ކަމަށާއި، އިދިކޮޅު ޓީމަކީ ގަދަ ޓީމަކަށްވީމަ މެޗަށް ނިކުތީ ޑިފެންސިވް ގޭމަކަށް ވިސްނައިގެންކަމަށެވެ. ބައިކޮޅަށް ވަންނަ ގޯލުތައް ހުއްޓުވައިގެން ނޫނީ ގަދަ ޓީމަކާއި އެކީގައި ނެރެންޖެހޭ ނަތީޖާއެއް ނުނެރޭވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ނަތީޖާ ފިޔަވާ އެހެން ހުރިހާ ކަމެއް މި މެޗުގައި ވަރަށް ރަނގަޅު ކަމަށާއި، އެހެންނަމަވެސް ފުރަތަމަ ގޯލާއި ތިންވަނަ ގޯލަކީ ހުއްޓުވެން ޖެހޭ ގޯލުތަކެއް ކަމަށް މޯހަން ފާހަގަ ކުރިއެވެ.

"އެއަށްވުރެ މާ ރަނގަޅަށް އަޅުގަނޑުމެން ޓީމު ކުޅުނު. އެހެންނަމަވެސް ހެދޭ ކުދިކުދި މިސްޓޭކް މީ މައްސަލައަކީ. ހާއްސަކޮށް ގަދަ ޓީމުތަކާއި އެކީ ކުޅޭ އިރު ބައިކޮޅަށް މިހާ ފަސޭހަ ގޯލުވަނުން. އެ އެއްޗެހި އަޅުގަނޑުމެން ޖެހޭނެ ހުއްޓުވަން" މޯހަން ބުންޏެވެ.

މޯހަން ބުނީ މި މެޗުގައި ވަރަށް ގިނަ ރަނގަޅު ކަންކަން ފެނިއްޖެ ކަމަށާއި އެހެންނަމަވެސް ގިނަ މެޗު ނުކުޅޭތީ ރާއްޖޭގެ ކުޅުންތެރިންގެ އިތުބާރު ގެއްލޭ ހާލަތްތައް ފާހަގަ ކުރެވުނު ކަމަށެވެ. އަދި ގިނައިން މެޗުތައް ކުޅޭ ވަރަކަށް އެ ބިރު ކެނޑި އިތުބާރު ލިބިގެންދާނެ ކަމަށާއި، އެކަމަށް ދުވަސް ނަގާނެ ކަމަށްވެސް މޯހަން ބުންޏެވެ.

ކުޅުންތެރިންނަށް އަދިވެސް ތަޖުރިބާ ބޭނުންވާ ކަމަށާއި، ގިނަ މެޗު ކުޅެގެން ނޫނީ އެކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށް ކޯޗު ފާހަގަ ކުރިއެވެ. އެކަންކަން ރަނގަޅު ކުރެވޭނީ ގޯސްތައް ހެދިގެންކަމަށާއި މެޗުތަކުން ލިބޭ ތަޖްރިބާއިން ކަމަށްވެސް އޭނާ ބުންޏެވެ. އެކަމަކު ކުޅުންތެރިން މިއަދު ކުރި ހިތްވަރަށް ސާބަސް ދޭކަމަށާއި ސަޕޯޓަރުން ދިން ސަޕޯޓަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް މޯހަން ބުންޏެވެ.

ކުރިޔަށް އޮތް މެޗަށް ތައްޔާރު ވާއިރު އެންމެ މުހިންމީ އަބަދުވެސް ދައްވާ ކޮންސެންޓްރޭޝަންގެ ބައި ރަނގަޅު ކުރުން ކަމަށާއި އެކަން ރަނގަޅު ކުރަން ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ ކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ އެހެންކަމުން ދެން ކުޅޭ މެޗުގައި ވަރަށް ބޮޑަށް އެކަމަށް ވިސްނައިގެން ކުޅެންޖެހޭ ކަމަށެވެ.

ދެން ރާއްޖެއިން އޭޝިއަންކަޕް ކޮލިފައިންގައި ނިކުންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޕިލިޕީންސް އާއި ދެކޮޅަށެވެ.