ރާއްޖޭގެ މަސް އިނގިރޭސިވިލާތަށް އެތެރެކުރުމަށް ނަގާ ޓެރިފް ކުޑަ ކުރުމަށް ކުރާ މަޝްވަރާތައް ކުރިއަށްދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ، އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އިނގިރޭސިވިލާތާއެކު ރާއްޖެއިން ކުރިއަށް ގެންދާ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުއާ ވަނީ ސުވާލުކުރައްވާފައެވެ. މިސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ސަޢީދު ވަނީ ނިމިދިޔަ ސަރުކާރުގައި މިކަމުގައި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. ވަޒީރު ސަޢީދު ވިދާޅުވީ އިނގިރޭސިވިލާތުގެ އެއްބަސްވުމެއް މިއަހަރު ތަންފީޒު ކުރަން ނިންމާފައިވާކަން ވުޒާރާގެ އެއްވެސް ލިޔެކިއުމަކުން ނުދައްކާ ކަމަށެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މަޖިލީހުގައި ދެއްވި، ޖަވާބާއި ގުޅުވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައިވަނީ އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސަރުކާރުން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލިކަމަށް ވަޒީރު ސަޢީދު ޔަޤީންކަން ދެއްވާފައިވާކަމަށް ބުނެފައެވެ. މިކަން ވަޒީރު ސަޢީދު ވަނީ ދޮގުކުރައްވާފައެވެ.
އިނގިރޭސިވިލާތަށް މަސް ބޭރުކުރަން ނަގާ ޓެރިފް ކުޑަ ކުރުމަކީ ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ހޯދުމަށް މުހިންމު ކަމަކަށްވާއިރު، މިކަމާއި ގުޅިގެން މީސް މިޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، ވަޒީރު ސަޢީދު ވިދާޅުވި ކަމަށް ބުނެ ދައްކަމުން ދަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ، ދިވެހިން ބާނާ މަސް ޓެރިފަކާ ނުލައި ދެމެހެއްޓެނިވި ގޮތަކަށް އިނގިރޭސިވިލާތުގެ ބާޒާރަށް ގެންދިއުމަށް ކުރަމުންދާ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިކަމަށް އިތުރަށް މަގުފަހިވެ އަވަސް ކުރުމަށް ފުރުސަތު ލިބިގެން ދިޔަ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ދިވެހި މަސްވެރިންނަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަކީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މިދާއިރާ ނުބެލެހެއްޓި އެޅި ދޯހަޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ކަންކަންކަމަށެވެ. އެގޮތުން އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ދާދި އަވަހަށް ސޮއިކުރެވޭނެ ކަމުގެ އުއްމީދު ދިނުމަށްފަހު މަހުގެ އަގު އުފުލިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމު ވިދާޅުވީ މިސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަނީ މަސްވެރިކަމުގެ ސިނާޢަތާއި މަސްވެރިންގެ ދިފާޢުގައިކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތަށް ވިޔަފާރީގެ ހަމަހަމަ ފުރުސަތު ފޯރުކޮށްދިނުމަށްވެސް މަސައްކަތް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން މަހުގެ އަގު ބޮޑު ކުރުމުގެ ސަބަބުން ސަރުކާރުގެ މަސް ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.