އިންޑިއާ އާއި ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން މިދެޤައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިންވަނީ އިންޑިއާ އާއި ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ސަމާލުކަން ދޭންޖެހޭ ކަންކަން ފާހަގަކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. މިބަޔާނުގައިވަނީ އިންޑިޔާއާއި ސްރީލަންކާގެ އިމިގްރޭޝަންގެ އުސޫލްތަކަށް ގެނެސްފައިވާ ބަދަލު މާދަމާއިން ފެށިގެން ތަންފީޒުކުރުމަށް ހަމަޖެހިފައިވާތީ އެކަންކަމަށް ދިވެހިން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން، އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެ ޤައުމަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރިހަމަ ކުރަންޖެހޭނެއެވެ.
އެގޮތުން، އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ 72 ގަޑިއިރު ތެރޭގައި، https://indianvisaonline.gov.in/earrival/ މި ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަކުރެއްވުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިއީ އިންޑިއާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އައި ބަދަލެއް ނޫން ކަމަށްވެސް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުވެސް އެޤައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭނެއެވެ.
މި އުސޫލުގެ ދަށުން، ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ 48 ގަޑިއިރާއި 24 ގަޑިއިރާ ދެމެދު، https://eta.gov.lk/slvisa މި ލިންކް މެދުވެރިކޮށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން ފޯމް ފުރިހަމަކުރަންޖެހެއެވެ. އަދި މިއީ ސްރީލަންކާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އައި ބަދަލެއް ނޫންކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ޚާރިޖީ ވުޒާރާއިންވަނީ މި ދެ ޤައުމަށް ދަތުރުކުރާ ހުރިހާ ދިވެހިންވެސް މި އުސޫލުތަކަށް ފުރިހަމައަށް ރިޢާޔަތްކޮށް، ދަތުރުކުރުމުގެ ކުރިން ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިގޮތަށް ޢަމަލުކުރުމަކީ ދަތުރުތައް ފަސޭހަކޮށް، އެއްވެސް ދަތިކަމެއް ދިމާވިޔަ ނުދިނުމަށްޓަކައި މުހިންމު ކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.