ށ. ކަނޑިތީމުގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
ކަނޑިތީމު ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކަނޑިތީމުގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މެޖަރ ޖެނެރަލް ރިޓަޔާޑް މުޙައްމަދު ނަޖާހް އަދި ކަނޑިތީމު ކައުންސިލުގެ ރައީސް އަޙްމަދު އަހުސަން ބައިވެރިވެވަޑައިގެންނެވިއެވެ.
ކަނޑިތީމުގައި އަޅާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އިންޑޯ ޖިމް އާއި މީޓިންރޫމާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި ގިނަ އިންޑޯ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ތަރައްޤީކުރާ ސެންޓަރެކެވެ.