ދުނިޔެ

ވެރިކަން ލިބިއްޖެނަމަ އައިއެސް ބަލިކުރުމަށް ނޭޓޯގެ މަދަދު ހޯދާނެ


އެމެރިކާގެ ވެރިކަން ލިބިވަޑައިގެންފިނަމަ އައިއެސް ޖަމާޢަތް ބަލިކުރުމަށްޓަކައި ނޭޓޯގެ ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ރިޔާސީ ރޭހުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ހަރުކަށި ފިކުރުގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އޮހައިއޯ ސްޓޭޓްގެ ޔަންގްސްޓައުންގައި ބޭއްވި ކޭންޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އައިއެސް ޖަމާޢަތް ބަލިކުރުމަށްޓަކައި ޢަސްކަރީ ހަނގުރާމައާއި އިލެކްޓްރޯނިކް ވަސީލަތްތަކާއި ފައިސާގެ ބޭނުން ވަރަށް ބޮޑަށް ކުރައްވާނެ ކަމަށެވެ. އަދި އެމެރިކާގެ ވެރިކަން ލިބިވަޑައިގެންފިނަމަ އެމެރިކާއަށް ނުރައްކާތެރިކަން އޮތް ސަރަޙައްދުތައް ފާހަގަކުރުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ކުރިންވަނީ ހުޅަނގުގެ އަސްކަރީ ޖަމާޢަތުގެ ގޮތުގައި ނޭޓޯ އުފެއްދި މުއާހަދާއަށް އޭނާގެ ވެރިކަމެއްގައި އެމެރިކާ ޢަމަލު ނުކުރާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ނޭޓޯއާމެދު ކުރިން ދެކެވަޑައިގެންނެވި ގޮތް މިހާރު ބަދަލުކުރެއްވީ ޓެރަރިޒަމާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ނޭޓޯއިން ކުރިން ގެންގުޅުނު ގޮތްތައް ބަދަލުކޮށް އެޖަމާޢަތުން އަލަން ގެންގުޅެންފެށި އުސޫލުތައް ރަނގަޅުވުމުގެ ސަބަބުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.