މ މުލަކުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެންމެ ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ އެރަށުގެ ރައްޔިތުންނާއި ވަރަށް އަވަހަށް ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މ. މުލަކުގައި އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތަކީ މަޑުޖެހިފައި ނުހިނގާ އޮތް މަސައްކަތެއްކަމަށާއި އެކަން މިހާރު ވާނީ ސަރުކާރު ކުންފުންޏަކާއި ހަވާލުކުރައްވާފައި ކަމަށެވެ.
މީގެ އިތުރުން އެރަށު ފުޓްބޯޅަ ދަނޑު ފުރިހަމަކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ބަޔަކާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި ފުޓްބޯޅަ ދަނޑުގައި މިހާރު ވާނީ ޓާފް އަޅާދެވިފަ ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުގެ ސްޓޭންޑަޑަކީ ރޭގަނޑާއި ދުވާލުވެސް ކުޅެވޭ ގޮތަށް ދަނޑުތައް ތަރައްޤީކުރުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މުލަކު ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމާއި ލައިޓްހަރުކުރުންފަދަ ނުނިމި ހުރި ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދުކުރެއްވިއްޔާ އެކަން ވެގެންދާނީ ރޭގަނޑު ކުޅެވޭގޮތަށް ފުރިހަމަވެގެންދާ ފުޓްބޯޅަ ދަނޑެއް ލިބިގެންދާނެ ކަމަކަށް" ރައީސް ވިދާޅުވިއެވެ.
ހޭންޑްބޯޅަ ކޯޓަކީ ވަރަށް ގިނަ ރަށްތަކުގައި ގާއިމުކުރާ ކުޅިވަރުގެ ވަސީލަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުން ހާއްސަކޮށް އަންހެނުން ކުޅޭ ކުޅިވަރެއްކަމަށެވެ. އަދި ވަރަށް ބޮޑަށް ކުރިއަރުވަން މަސައްކަތްކުރައްވާ ކުޅިވަރެއް ކަމަށެވެ.
"ހޭންޑް ބޯލް ކޯޓު އަޅައިދިނުމުގެ ޕްރޮގްރާމެއް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ރަށްތަކުގައި ގެންދިއުމަށް މިހާރު އަޅުގަނޑުމެން މިވަނީ ނިންމާފަ. މި މަޝްރޫއަކީ ބޮޑު މަޝްރޫއަކަށް މިވަނީ ގިނަ ރަށްތަކުން މިކަން ބޭނުންވާތީ" ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ އަހަރަށް ބަޖެޓް ހުށަހަޅުއްވާއިރު އާ މަޝްރޫއުތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ހިމަނާ އެއް މަޝްރޫއަކީ ހޭންޑްބޯޅަ ކޯޓުތައް އެޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު މުލަކުގައިވެސް ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.