ޚަބަރު

ޒުވާން ޚަޠީބުންނާއި އިމާމުންގެ ޤައުމީ ކޮންފަރެންސެއް ބާއްވަނީ


  • މިހާތަނަށް 500އެއްހާ ޚަޠީބުން ތަމްރީނުވެފައިވޭ

  • އަންނަ އަހަރު ނިމުމުގެ ކުރިން 1000 ޒުވާނުން ތަމްރީނުކުރެވޭނެ

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން އެއް ހާސް ޚަޠީބުން ތަމްރީނުކޮށް ނިމުމުން ޒުވާން ޙާފިޒުންނާއި، އިމާމުންނާއި، ޚަޠީބުންގެ ޤައުމީ ކޮންފަރެންސެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިވަގުތާއި ހަމައަށް 500 އެއްހާ ޒުވާން ޚަޠީބުން ތަމްރީނުވެފައިވާކަމަށެވެ. އަދި 1000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒު އަންނަ އަހަރު ނިިމުމުގެ ކުރިން ހާސިލްވާނެކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ކޮންފަރެންސް ބާއްވާނީ އަންނަ އަހަރު، ރާއްޖެ އިސްލާމްވީ ދުވަހުގެގޮތުގައި ފާހަގަ ކުރާ ދުވަހުކަމަށާއި އެ ދުވަހަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ ދުވަސްކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަކީ އިސްލާމީ ވުޒާރާގެ އެންމެ މަތިވެރި އެއް ޢަޒުމު ކަމަށާއި ރާއްޖޭގައި ޒުވާން ވަރުގަދަ، ރިވެތި އަޚުލާޤުން ޒީނަތްތެެރިވެފައިވާ އިސްލާމީ ޒައާމަތެއް އުފެއްދުމަކީ މިރާއްޖެ އިސްލާމީ ޙަޟާރަތުގެ އަސާސްގެ މަތީގައި ތަރައްޤީވެގެންދާނެކަމެއްކަމަށް ވަޒީރު ޝަހީމު ވިދާޅުވިއެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއް ޕްރޮގުރާމެވެ. އަދި މި ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.

މީގެއިތުރުން، ޒުވާން ޚަޠީބުންގެ ފެންވަރު ރަނގަޅުކޮށް ލީޑާޝިޕް ހުނަރު އަށަގެންނެވުމަށް އިސްލާމިކް ލީޑަރޝިޕް ވޯކްޝޮޕެއްވެސް އެވުޒާރާއިން ވަނީ ފަށާފައެވެ.

އިސްލާމީ ވުޒާރާއިން ވިދާޅުވީ، މި ވޯކްޝޮޕަކީ ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމާއި އިސްލާމީ ލީޑަރޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދީ ދާއިރާއާއި ގުޅޭ ދީނީ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ވޯކްޝޮޕެއްކަމަށެވެ. އަދި މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ޢިލްމުވެރިންނެވެ. އަދި މި ވޯކްޝޮޕުގައި 50 ޒުވާން ޚަޠީބުން ބައިވެރިވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.