ޚަބަރު

އދ.ގައި ރާއްޖެ؛ ދައްކުވައިދެނީ ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރިވެވޭނެކަން


  • ރާއްޖެ އދ. މެންބަރު ޤައުމަކަށްވީ 21 ސެޕްޓެމްބަރ 1965 ގައި

  • އދ.ގެ އެހީގައި ރާއްޖެއިން ވަނީ ގިނަ ކުރިއެރުންތައް ހޯދާފައި

ރާއްޖެއިން އދ.އާއެކު މިހޭދަ ކުރި 60 އަހަރުގެ ދަތުރުން، ދައްކުވައިދެނީ ކުދި ޤައުމުތަކަށްވެސް އދ. ނިޒާމުގެ ތެރެއިން މަޝްވަރާތަކުގައި ބައިވެރިވެ ކަންކަމުގައި ޢަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރެވޭނެކަން ކަމަށް، ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އދ. މެންބަރު ޤައުމަކަށްވީ 1965 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވަނީ މިވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ރާއްޖެއިން އދ. އާއި ގުޅިގެން ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އޭރު ދިވެހިން އދ. އަށް ގެންދިޔައީ ހަމައެކަނި ރައްޔިތުންގެ އުއްމީދު ނޫން ކަމަށާއި، އޭގެއިތުރަށް ރާއްޖެއިން ބޭނުންވީ ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ޖާގަހޯދަންކަމަށެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ އދ. އާއި ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތުން ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާއިންނާއި އިޖްތިމާޢީ ދާއިރާއިން ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އދ. އާއި ގުޅިގެން މުހިންމު މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

"އދ. ނިޒާމުގެ ތެރޭގައި އަޅުގަނޑުމެންގެ ދަތުރުން ދައްކުވައިދެނީ ކުދި ޤައުމުތަކަށްވެސް ބައިނަލްއަޤްވާމީ މައިދާނުގައި ހިންގަމުންދާ މަޝްވަރާތަކުގައި ބައިވެރިވެވޭނެކަން. ޚިޔާލު ދެވޭނެކަން. އަދި ޢަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރެވޭނެކަން." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރުގެ ދެއްވި ވީޑިއޯ މެސެޖުގައި، މިހާރަށް ވުރެ ވަރުގަދަ ގުޅުމެއް ބަދަހިކުރުމަށް މިވީ 60 އަހަރު ކުރެވުނު މަސައްކަތް މުހިންމު ބިންގަލަކަށްވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މުސްތަޤުބަލުގައިވެސް މިގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

26 ޖުލައި 1965 ވަނަ އަހަރު ދިވެހިރާއްޖެއަށް މިނިވަންކަން ލިބިގެންދިއުމަށްފަހު އޭގެ 57 ދުވަސް ފަހުން، އދ.ގެ މެންބަރުކަން ދިވެހިރާއްޖެއިން ހޯދިއެވެ. އޭގެ ފަހުން ކުދި ޤައުމުތަކުގެ ހައްޤުގަ އާއި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ރާއްޖެއިން ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ. މީގެ އިތުރުން މިހާރު ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައިވެސް އދ.ގެ މަންސަތަކުގައި ރާއްޖެއިން ދަނީ އަޑުހަރުކޮށް ވަކާލާތުކުރަމުންނެވެ.