ޚަބަރު

އެވަޓަން ބަލިކޮށް ލިވަޕޫލް އިން މޮޅުވުމުގެ ސިލްސިލާ ކުރިއަށް


އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން މޮޅުވެ ލިވަޕޫލްއިން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ.

މި މެޗުން މޮޅުވުމާއިއެކު ލިވަޕޫލް އިން ވަނީ މި ސީޒަނުގައި އެ ޓީމުން ކުޅުނު ފަސް މެޗުން 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް ޓޮޓްނަމް ހޮޓްސްޕަރ އަށް 5 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗަށް ނިކުތްއިރު ކޯޗު އާން ސްލޮޓް ވަނީ 241 މިލިއަން ޕައުންޑް ހަރަދުކޮށް އެ ޓީމަށް އަލަށް ގެނައި އެލެކްޒެންޑަރ އިސާކް އާއި ފްލޯރިއަން ވާރޓްޒް ބެންޗަށް ބަދަލުކޮށްފަ އެވެ.

މި މެޗުގެ 10 ވަނަ މިނިޓުގައި ލިވަޕޫލްގެ ރަޔާން ގްރަވެންބަރޗް ވަނީ މުހައްމަދު ސަލާ ދިން ޕާހަކުން ލަނޑެއް ޖަހާ ލިވަޕޫލް އަށް ލީޑު ނަގައިދީފަ އެވެ.

އަދި އޭގެ 19 މިނިޓު ފަހުން ހޫގޯ އެކިޓީކޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ޑޭވިޑް މޯޔެސްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެވަޓަން އިން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށްފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިދްރީސާ ގުއޭޔޭ އެވެ.

މި މެޗުން އެވަޓަން ބަލިވެފައިވާއިރު ޑޭވިޑް މޯޔެސްގެ އިރުޝާދުގެ ދަށުން އެންފީލްޑްގައި ކުޅުނު 23 މެޗުގެ ތެރެއިން އެއްވެސް މެޗަކުން އޭނާގެ ޓީމެއް މޮޅުވެފައެއް ނުވެއެވެ.