އެމެރިކާގެ ނިއު ޔޯކުގައި އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އދގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމެއްގައި ބައިވެރިވުމަށް އެމެރިކާއަށް ދަތުުރުކުރުމަށް ބޭނުންވާ ވިސާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް ދޫ ނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެ ބައްދަލުވުމުގައި ވީޑިޔޯގެ ޒަރިއްޔާއިން ތަޤްރީރު ކުރެއްވުމުގެ ފުރުޞަތު މަޙްމޫދު ޢައްބާސްއަށް ދިނުމަށް އދގެ ޢާންމު މަޖިލީހުން ނިންމައިފިއެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެމެރިކާއަށް ވަނުމަށް ދޫކޮށްފައިވާ ވިސާތައް އުވާލާފައިވާ ފަލަސްޠީނުގެ 80 އޮފިޝަލުންގެ ތެރޭގައި މަޙްމޫދު ޢައްބާސް ހިމެނިވަޑައިގަންނަވައެވެ.
އދގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރުގައި ބުނީ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި އިއްވުމަށް ކުރިން ރެކޯޑުކޮށްފައިވާ ތަޤުރީރެއް ފޮނުވުމުގެ ފުރުޞަތު ފަލަސްޠީނަށް ދޭނެ ކަމަށެެވެ. އެ ޤަރާރާ އެއްކޮޅަށް 145 ޤައުމުން ވޯޓު ދީފައިވާއިރު ދެކޮޅަށް ވޯޓު ދީފައި ވަނީ ފަސް ޤައުމަކުންނެވެ. ހަ ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެެވެ.
އދގެ އަހަރީ އާންމު މަޖިލީހުގެ ތަޤުރީރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 23ވާ އަންގާރަ ދުވަހުއެވެ. އެ ބައްދަލުވުމުގައި ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެެއް އޮންނަ ސިޔާސަތާ އެއްކޮޅަށް ވަކާލާތުކުރާނެއެވެ.
މަޙްމޫދު ޢައްބާސްއަށް ވިސާ ނުދިނުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުމަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. އދން ވަނީ އެއީ ބައްދަލުވުން ބާއްވާ ޤައުމާއެކު ޤާއިމްކުރާ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމަށް ބުނެފައެވެ. އެ އެއްބަސްވުމުގެ ދަށުން އަހަރީ ބައްދަލުވުންތަކަށާއި ޚާރިޖީ ދަތުރުތަކުގައި އެ ޤައުމަށް ދަތުރުކުރާ ޤައުމުތަކުގެ ވެރިންނަށް އެ ޤައުމަށް ވަނުމުގެ ޙުއްދަ ދޭން ޖެހެއެވެ.
އެމެރިކާއިން ފަލަސްޠީނުގެ ރައީސްއަށް އެމެރިކާއަށް އެތެރެވުމުގެ ފުރުޞަތު ދިނުމަށް ދެކޮޅު ހަދާފައި މި ވަނީ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން ޔަހޫދީންނަށް ބައިނަލްއަޤްވާމީ ދުނިޔޭގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ. ޔަހޫދީން ދަނީ މުޅި ޣައްޒާ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔުމަށް އެ ސަހަރުގައި ހިންގާ އަސްކަރީ ޙަރަކާތް ފުޅާކުރަމުންނެވެ. އޭގެ އިތުރުން ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ އަސްކަރިއްޔާއާއި ވަޒަންވެރިން ކުރާ ދުއްތުރާތަކާއި އަނިޔާތައް އިތުރުވެފައި ވާތީ އެ ކަމާ ގުޅިގެން ވެސް ޔަހޫދީންނަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. ޣައްޒާގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އދގެ އަހަރީ އާއްމު މަޖިލީހުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އިޢުލާނުކޮށްފައެވެ. އޭގެ ތެރޭގައި ފަރަންސޭސިވިލާތް ފަދަ އެމެރިކާއާ ގާތް ބައެއް ޤައުމުތައް ވެސް ހިމެނެއެވެ.