ޚަބަރު

އަންނަ އަހަރު ކުރީކޮޅު ވ.ފެލިދޫ ބިން ހިއްކަން ފަށާނަން: ރައީސް


  • 30 އެނދުގެ ހޮސްޕިޓަލްގެ ބިންގާ އެޅުންވެސް ކުރިއަށްދާނެ

  • ރައީސް ވިދާޅުވީ ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް ފުޅާކުރައްވާނެކަމަށް

  • ސްޕޯސްޓް ފެލިސިޓީ ވެގެންދާނީ އެންމެ ޒަމާނީ ފެސިލިޓީއަކަށް

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަހަރުގެ ކުރީކޮޅު ވ.ފެލިދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ފެލިދޫގެ ބިން ހިއްކައިދިނުމަކީ ރަށުގެ ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދެއްކަމަށާ، އެކަމުގެ މަތިން ހަނދާން ނައްތާނުލައްވާކަމަށެވެ. ނަމަވެސް މި މަޝްރޫޢު މިއަހަރު ކުރިއަށް ނުގެންގޮސް، އަންނަ އަހަރަށް ފަސްކުރީ، ރަށުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދިއުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އިސްކަންދޭ ތަރުތީބުން، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ފެލިދޫއަށް ކަނޑައަޅާ އެންމެ މުހިއްމު މަޝްރޫޢުއެއްގެ ގޮތުގައި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ފައްޓަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫޢުއާއެކު، ރަށުގެ ބިމުގެ ޖާގަ ބޮޑުވެ، ރައްޔިތުން ބޭނުންވާ މުހިންމު މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެކަމަށެވެ.

"އަންނަ އަހަރުގެ ބަޖެޓުގެ ހިމަނާ އަހަރުގެ ކުރީކޮޅު ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓާނަން. މި ރަށުން 12 ހެކްޓަރުގެ ބިން ހިއްކާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގައި 14 ކްލާސްރޫމްގެ 4 ބުރީގެ އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށެވެ. އެގޮތުން އެކަމުގެ އިދާރީ މަސައްކަތްތައް ނިމި، ޢަމަލީގޮތުން މަސައްކަތް ފެށުމުގެ މަރުޚަލާއަށް އާދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެލިދޫގަ ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ފެސިލިޓީވެސް ވެގެންދާނީ ރާއްޖޭގެ އެހެން ރަށްތަކާ ތަފާތު، އެންމެ ޒަމާނީ ފެސިލިޓީއަކަށްކަމަށެވެ. އެގޮތުން ބޮޑެތި ޖާގަ އޮންނަ ސަރަހައްދުތަކުގައި ކުޅޭ އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކު، އިންޑޯ ސްޕޯޓްސް ކޮމްޕެލެކްސްއެއްގެ ގޮތުގަ މި ފެސިލިޓީ ތަރައްޤީކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު ރަށުގައި ކުޅިވަރު ކުޅޭ ހުރިހާ ފެސިލިޓީތައް އެ ފެސިލިޓީއެއްގަ ޤާއިމުކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އަތޮޅުތަކުގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ފެލިދުއާ އެ އަތޮޅުގައި ސީ އެމްބިއުލާންސްގެ ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.