ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ނަޕޮލީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ސާޅީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 21 ވަނަ މިނިޓުގައި ނަޕޮލީގެ ކެޕްޓަން ޖިއޮވާނީ ޑި ލޮރެންޒޯ އަށް ރަތް ކާޑު ދައްކާ ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލާފަ އެވެ. ޑި ލޮރެންޒޯ އަށް ރަތް ކާޑު ދައްކާފައިވަނީ ޓީމުގެ އެންމެ ފަހު ކުޅުންތެރިޔާއަށްވެ ހުރެ ހާލަންޑް އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
ނަޕޮލީގެ ކެޕްޓަނަށް ދެއްކި ރަތް ކާޑާއިއެކު ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ގިނަ އަހަރުތަކެއް ވަންދެން ސިޓީ އަށް ކުޅުމަށްފަހު ދާދި ފަހުން އެ ނަޕޮލީ އަށް ބަދަލުވި ކެވިން ޑެބްރޫނިއާ މެޗުގެ 26 ވަނަ މިނިޓުގައި ބަދަލުކޮށްފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ހާލަންޑް ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި ހާލަންޑް ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 50 ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފަ އެވެ. ހާލަންޑް 50 ލަނޑު ހަމަކޮށްފައިވަނީ 49 މެޗުންނެވެ.
މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 65 ވަނަ މިނިޓުގައި ޖެރެމީ ޑޯކޫ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގައި ސިޓީ އަށް ދެ ލަނޑު ޖެހިފައިވާއިރު އެ ޓީމުން އުފެއްދި ނުރައްކާތެރި ގިނަ ހަމަލަތަކެއް ނަޕޮލީގެ ގޯލުކީޕަރު މިލިންކޮވިޗް-ސަވިޗް ވަނީ މަތަކޮށް މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
މިއީ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ޗެމްޕިއަންސް ލީގުގައި ޓީމަށް އިރުޝާދު ދެމުންދާތާ 17 ވަނަ އަހަރެވެ.
މިދިޔަ ސީޒަނުގެ ކުއާޓަރ ފައިނަލުން ފުރުސަތު ސިޓީ އަށް ގެއްލިފައިވާއިރު މި ސީޒަނާއި އެ ޓީމުން ކުރިމަތިލާފައިވަނީ މި މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގަ އެވެ.