އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާއަށް އެއްގަމު މަގުން ދޭ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާތީ ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާ ސިޓީ ކޮންޓްރޯލްކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، ޣައްޒާއަށް އެއްގަމުމަގުން ދޭ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާތީ، ދިވެހި ސަރުކާރުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެ، މިހާރުވެސް ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވާނެކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރާކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއްނެތް ޢާއްމު ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ދަތިތަކާއި، އެ ރައްޔިތުން ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އިސްރާއީލަށް މަޖުބޫރުކުރުމަށާއި، ޤައުމުތަކުން އެކުވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. އަދި އިސްރާއީލު ޖަވާބުދާރީކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއްކުރުމަށްވެސް ގޮވާލާފައިވެއެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އަދި ޢާއްމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ ޢަމަލުތަކެއް ނޫންކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާޢީދުކުރާނެކަން މިބަޔާނުގައި ވަނީ ތަކުރާރުކުރައްވާފައެވެ. މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 އަހަރުގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.