ޚަބަރު

ޗެމްޕިއަން ޕީއެސްޖީއަށް ރަނގަޅު ފެށުމެއް


ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީން ފެށުން ރަނގަޅުކޮށްފިއެވެ.

އިޓަލީގެ އިންޓަރ މިލާން 5-0 ގެ ނަތީޖާއަކުން ބަލިކޮށް މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޕީއެސްޖީ އިން ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޑޮމިނޭޓްކޮށްގެން ވަނީ ކުޅެ އެޓްލާންޓާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގެ ތިންވަނަ މިނިޓުގައި ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ޕީއެސްޖީ އިން ގިނަ ހަމަލަތަކެއް އެޓްލާންޓާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައިވާއިރު އޭގެ ތެރެއިން ނޫނޯ މެންޑޭޒް އާއި ސެނީ މަޔޫލޫ އާއި ބްރޭޑްލީ ބާކޯލާގެ އިތުރުން އަޝްރަފް ހަކީމީ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އަދި ޕީއެސްޖީގެ ނުރައްކާތެރި ހަމަލަތަކެއް އެޓްލާންޓާގެ ގޯލުކީޕަރު މާކޯ ކާރނެސޭޗީ ވަނީ މަތަކޮށް މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗުގައި ޕީއެސްޖީ އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 39 ވަނަ މިނިޓުގައި ކްވިޗާ ކްވަރަޓްސްކޭލިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ޕީއެސްޖީ އަށް މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖަހަން ރަގަޅު ފުރުސަތެއް ވަނީ ލިބިފަ އެވެ. އެގޮތުން އެ ޓީމަށް ލިބުނު ޕެނަލްޓީ ބާކޯލާ ފޮނުވާލިއިރު އެޓްލާންޓާގެ ކީޕަރު ވަނީ ޕެނަލްޓީ މަތަކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ޕީއެސްޖީގެ ނޫނޯ މެންޑޭޒް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގޮންޒާލޯ ރާމޯސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަންނަ ހަފްތާގައި ނިކުންނާނީ ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށެވެ.