ޚަބަރު

ނޭޕާލްގެ ހަމަނުޖެހުން: މަރުވި މީހުންގެ އަދަދު 72އަށް، ގިނަ ބަޔެއްގެ ޖަނާޒާ ބާއްވައިފި


ނޭޕާލްގައި ދާދި ފަހުން ހިންގި ހަމަނުޖެހުންތަކުގައި މަރުވި 72 މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔެއްގެ ޖަނާޒާގައި އެތަކެއް ހާސް ބަޔަކު ބައިވެރިވެއްޖެއެވެ. ސެޕްޓެންބަރު 8ވަނަ ދުވަހު ނޭޕާލްގައި ހަމަނުޖެހުން ހިންގަން ފެށީ، މީސްމީޑިޔާގެ ބައެއް މަންސަތައް މަނާ ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އެ ކަމާ ދެކޮޅަށް އަޑުއުފުލަށް ފެށި މުޒާހަރާތައް ހަމަނުޖެހުންގަނޑަކަށް ބަދަލުވުމުގެ ނަތީޖާއަކަށްވީ، ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއަށް އިސްތިޢުފާ ދެއްވުމަށް މަޖުބޫރުވުމެވެ.

އޭނާގެ ސަރުކާރު ވެއްޓުމާ އެކު، މުޒާހަރާގެ ބައިވެރިންގެ އެދުމުގެ މަތިން ނޭޕާލްގައި އިންތިޤާލީ ސަރުކާރެއް ވަނީ އެކުލަވައިލާފައެވެ. އަދި، އިންތިޤާލީ ބޮޑުވަޒީރު ކަމުގެ މަޤާމަށް، އެ ޤައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ސުޝިލާ ކަރްކީ ޢައްޔަން ކުރައްވާފައެވެ. 73 އަހަރުގެ ކަރްކީއަކީ އެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާއެވެ. ހަމަނުޖެހުންތައް ކޮންޓުރޯލު ކުރެވިފައި ވަނީ ހަތިޔާރު އެޅި ސިފައިން މަގުތަކަށް ނެރެގެންނެވެ. އަދި، މީސްމީޑިޔާ މަންސަތައް މަނާ ކުރުމަށް ނިންމި ނިންމުން ބަދަލުކޮށް، ބޮޑުވަޒީރު އޮލީ އިސްތިޢުފާ ދެއްވި ފަހުންނެވެ.

މީސްމީޑިޔާގެ ދިފާޢުގައި އޮލީގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސް ދައުރެއް އަދާކޮށްފައި ވަނީ 'ޖެން ޒީ' އުމުރުފުރައިގެ ޒުވާނުންނެވެ. އެ މީހުން އިސްވެ ހިންގި ހަމަނުޖެހުންތަކާއި، ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 72އަށް އުފުލިފައެވެ. އަދި، އިތުރު 2,100އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.

ހަމަނުޖެހުންތަކުގެ ތެރެއިން ފެނިގެން ދިޔައީ، ދައުލަތާއި ސަރުކާރުގެ މުދަލަށް ގެއްލުން ދެމުން ދިޔަ މަންޒަރެވެ. އަދި، ސަރުކާރާއި އަމިއްލަ ފަރުދުންގެ އިމާރާތްތަކާއި މުދަލުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދެމުން ދިޔަ މަންޒަރެވެ. މުޒާހަރާތަކުގައި މަރުވި ގިނަ ބަޔެއްގެ ޖަނާޒާ ބާއްވާފައި ވަނީ ވެރިރަށް ކަތުމަންޑޫގެ ފައްޅިއެއްގައެވެ. އެ މީހުންގެ ޖަނާޒާގައި އިންތިޤާލީ ސަރުކާރުގެ ދެ ވަޒީރަކާއި ފުލުހުން ވެސް ބައިވެރިވިއެވެ. އަދި، މަރުވެފައިވާ މީހުންނަށް އިޙުތިރާމު ދިނުމުގެ ގޮތުން ޢިއްޒަތުގެ ސަލާމެއް އަރުވާފައިވެއެވެ.

ހަމަނުޖެހުންތަކަށް ފަހު ނޭޕާލަށް މިހާރު ދަނީ ހަމަޖެހުން ވެރިވަމުންނެވެ. ނަމަވެސް، އެ ޤައުމުގެ އިޤުތިޞާދަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޤައުމުގެ ފަތުރުވެރިކަމާ ބެހޭ އިދާރާއިން ބުނީ، ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމަށް ދަތުރު ކުރާ ފަތުރުވެރިންގެ އަދަދު %30އިން ދަށްވެފައިވާ ކަމުގައެވެ. އޮލީގެ ސަރުކާރު ވެއްޓުމާ އެކު، އިންތިޤާލީ ބޮޑުވަޒީރު ކަރްކީ ވަނީ 2026ވަނަ އަހަރުގެ މާރިޗު މަހުގެ 5ވަނަ ދުވަހު އައު އިންތިޚާބެއް ބާއްވާނެ ކަން އިޢުލާނު ކުރައްވާފައެވެ.