ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ނެގުމުގެ ކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ކޮމިޝަނަރ އޮފް ޓެކްޒޭޝަންއާއި ބައްދަލުކުރައްވައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރާއި ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކަވާފައިވަނީ ޓެކްސް ނެގުން ހަރުދަނާކުރުމާއި ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގެ ތެރެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ޓެކްސް ނެގުމުގެ މައުލޫމާތުތައް އެ ފަރާތްތަކަށް ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކުހަކީ ދައުލަތައް ބޮޑު އާމްދަނީއެއް ލިބޭ ދާއިރާއަކަށްވާއިރު ޓެކްސް ނެގުން ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
Minister @ThoriqIbrahim met with Commissioner General of Taxation, Mr. Hassan Zareer.
— Ministry of Tourism and Environment (@MoTmv) September 16, 2025
The discussions centered on strengthening tax compliance, enhancing institutional coordination, and adopting measures to improve revenue collection from the tourism sector in line with national… pic.twitter.com/sQcAPq3Pp4
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.
އޮގަސްޓު މަހު މީރާއިން 2.12 ބިލިޔަން ރުފިޔާގެ އާމްދަނިއެއް ވަނީ ލިބިފައެވެ. މިދިޔަ އޮގަސްޓު މަހު އެ އިދާރާއިން ބަލައިގަނެފައިވާ އާމްދަނީގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %6.9 އިތުރުވެފައެވެ. މީރާއަށް ބަލައިގަންނަ އާމްދަނީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސްއެވެ.