ދިވެހިރާއްޖެއާއި ސޭޝެލްސްއާއި ދެމެދު ވިސާއާއި ނުލާ ދަތުރުކުރެވޭ އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ. މި އެއްބަސްވުން ޤާއިމްކޮށްފައިވަނީ، ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ދިވެހިރާއްޖެއާއި ސޭޝެލްއާއި ދެމެދު ޤާއިމްކުރި ވިސާ ވެއިވަރ އެއްބަސްވުމާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމަށް މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި 30 ދުވަހު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.
🌎
— Iruthisham Adam ( Iru) (@IruthishamAdam) May 15, 2026
🇲🇻🤝🇸🇨Maldives-Seychelles visa waiver implementation
Very pleased to see the Visa Exemption Agreement between the Maldives and Seychelles enter into force today, 15 May 2026, allowing nationals of both countries to travel visa-free for short stays of up to 30 days.
The… pic.twitter.com/sufI7MNJjo
ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
މި ތާރީޚީ ނިންމުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމާއި އެ ދާއިރާއާ ގުޅުންހުރި އިންވެސްޓްމަންޓްތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ވިދާޅުވެފައެވެ. އަދި ގިނަ އަދަދެއްގެ ދިވެހިންނާއި، ސޭޝެލްސްގެ ރައްޔިތުން ދެ ޤައުމުގެ ހިތްގައިމު ރަށްތަކާއި، ކަނޑުފަޅުތަކުގެ ރީތިކަން ތަޖުރިބާކޮށް، އުފާ ހޯދުމަށް މިކަމުން މަގުފަހިވެގެންދާނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ސީޝެލްސްއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ، 1 ޖުލައި 1980 ގައެވެ. ދެ ޤައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭނެއެވެ.