ޚަބަރު

ބިދޭސީން ގެނެސް އިހުމާލުވާ ފަރާތްތަކާމެދު މާދަމާއިން ފެށިގެން ފިޔަވަޅުއަޅަނީ


  • ޤާނޫނުގައި ހިމެނޭކަމެއްގައި އިހުމާލު ވެއްޖެނަމަ، 50،000 ރުފިޔާއިން ޖޫރިމަނާކުރާނެ

  • ޤާނޫނުގައި ނުހިމެނޭކަމެއްގައި އިހުމާލުވެއްޖެނަމަ، 100،000 އިން ޖޫރިމަނާކުރާނެ

ރާއްޖެއަށް ބިދޭސީން އެތެރެކޮށް އެމީހުންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މާދަމާއިން ފެށިގެން ފިޔަވަޅު އަޅާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލެއް ގެނައުމަށް 3 ފިޔަވައްސަކަށް ބަހާލައިގެން ދާޚިލީ ސަމާލަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންދަނީ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ. މިގޮތުން އެކި މަސައްކަތްކުރުމަށްޓަކައި ގެންނަ ބިދޭސީންގެ އަތުން ބޮޑު ޢަދަދުތަކުން ޑިޕޮސިޓްނެގުމަށްފަހު، ރާއްޖެއަށް ގެނެސް އެމީހުން ދޫކޮށްލާ މައްސަލަވަނީ ބޮޑުވެފައެވެ. ނިޒާމުގެ ތެރެއަށް އެމީހުންދޫކޮށްލާއިރު، ގިނަ ފަހަރަށް އެމީހުންގެ ރަސްމީ ލިޔެކިޔުންތައް ނުދިނުމުގެ ސަބަބުން، ނިޒާމުގައި އެމީހުން ހިމެނިގެންދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ މީހުންގެ ލިސްޓުގައެވެ.

އިންސާނީ ވަގުފާރިއަށް ފުރުސަތު ފަހިވާގޮތަށް ރާއްޖެއަށް ބިދޭސީން އެތެރެކުރާ ބައެއް މީހުންގެ މިޢަމަލުތައް ހުއްޓުވައި އެކަމަށް ޙައްލެއް ގެނައުމަށް، ސަރުކާރުން މިހާރުވަނީ މަސައްކަތް ފަށްޓަވާފައެވެ. މިގޮތުން މިމަހުގެ 15 އިން ފެށިގެން ރާއްޖެއަށް ބިދޭސީން އެތެރެކޮށް އެމީހުންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިންވަނީ ނިންމަވާފައެވެ. މިގޮތުން ބިދޭސީން ގެނެސް އިހުމާލުވާ، ވަޒީފާދޭ ފަރާތްތައް ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން ފަންސާސްހާސް ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އެވުޒާރާއިން ވިދާޅުވީ މުސާރަ ނުދިނުމާއި، ރާއްޖެ ގެނައުމަށްފަހު އެމީހުން އެކްސްޕްލޮއިޓްކުރެވޭނެފަދަ ޢަމަލެއް ހިންގުން، ބިދޭސީން ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އޭނާ ލައްވާ އަދާކުރުވުމުގެ އިތުރުން ބިދޭސީންނަށް ފޯރުކޮށްދޭން ޤާނޫނާއި ގަވާއިދުތަކުގައި ބަޔާންކުރާ އަސާސީ ކަންކަން ފުރިހަމަކޮށް ނުދޭނަމަ ހޯމަ ދުވަހުން ފެށިގެން އެފަރާތްތައް ފަންސާސްހާސް ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

އަދި ވަޒީފާއާއި ބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ނުހިމެނޭކަމެއްނަމަ، ވަޒީފާ ދޭ ފަރާތްތައް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެކަމަށްވެސް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބިދޭސީން ރާއްޖެ ގެނެސް އެމީހުން ނިޒާމުގެ ތެރެއަށް ދޫކޮށްލައި އެމީހުންނާމެދު އިހުމާލުވާ މައްސަލަ ރާއްޖޭގައިވަނީ ބޮޑުވެފައެވެ. ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެމުންދާއިރު، އެމީހުން ރާއްޖޭގައި މަސައްކަތް ކުރުމަށްޓަކައި ހޯދަންޖެހޭ ވަރކްޕަރމިޓާއި، ވިސާ ފީތަކާއި އެނޫންވެސް ދައުލަތަށް ދައްކަންޖެހޭ ފީތައް ނުދައްކާ އުޅެމުން އަންނަ ބިދޭސީންގެ ނިސްބަތްވެސްވަނީ އިތުރުވެފައެވެ.

ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ރާއްޖޭގައި ބޮޑެތި ވިޔަފާރިތައްކޮށް، އިޤްތިޞާދީ މަސައްކަތްތަކުގައި އުޅުމާއި، އެމީހުންގެ ސަބަބުން ކުރިމަތިވަމުންދާ އިޖުތިމާޢީ އަދި ސިއްޙީ އެކި މައްސަލަތަކުގެ ކަންބޮޑުވުންވަނީ ބޮޑުވެފައެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުންވަނީ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް މީހުން ނިޒާމަށް ފެއްތުމުގެ މަސައްކަތް ފައްޓަވާފައެވެ. ހަމަމިއާއެކު ނިޒާމުގެ ތެރޭގައި ތިބި ބިދޭސީންނަށް ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސާ އެފީތައް ދައްކަމުން ނުދާ ފަރާތްތައް އެކްސްޕެޓް ޕޯޓަލްގެ ތެރެއިންވަނީ ސަސްޕެންޑުކޮށް ޚިދުމަތް ނުލިބޭގޮތަށް ހަދާފައެވެ. އަދި މިފީތައް ދެއްކުމަށް އަހަރެއްގެ މުއްދަތުވަނީ ދީފައެވެ.