ކުރީގެ ރައީސުންނަށް ދައުލަތުންދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނު އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމުމަށް ތާއީދު ކުރައްވާ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤާނޫނުގެ ދަށުން ދައުލަތުން އެކި އިނާޔަތްތައް ދޭންޖެހެއެވެ. ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ޤާނޫނޫތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ނިންމަވާފައިވައި، ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ސަރުކާރުގެ މިނިންމެވުމަށް ތާއީދު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުރީގެ ރައީސުންނަށްދޭ ޕެންޝަން މިންވަރު ކުޑަ ކުރެއްވުމަށް އެމަނިކުފާނު ތާއީދު ކުރައްވާކަމަށެވެ.
"ކުރީގެ ރައީސުންނަށްދޭ ޕެންޝަންގެ މިންވަރު ކުޑަ ކުރުން އަޅުގަނޑަށްވެސް ފެނޭ." މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ. އަދި އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މަހަކު 75,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމަޢަށް ފައިދާހުރި އިޖުތިމާޢީ މަސައްކަތްތައްކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު 175,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށްވެސް ޤާނޫނުގައި އޮވެއެވެ.
ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ޤާނޫނުން ލިބިދޭ މި އިނާޔަތްތަލަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ޚަރަދުކުރެއެވެ. އެގޮތުން ކޮންމެ ރައީސަކަށްވެސް ފައިސާގެ އިނާޔަތާއި ލިވިންގ އެލަވަންސްއަކާއި އޮފީސް ހިންގުމަށާއި ބޭސްފަރުވާކުރުމަށް ވަކިވަކިން ފައިސާދެއެވެ. އެހެކަމުން ކުރީގެ ރައީސުންގެ އިނާޔަތްތަކަށް މިއަހަރަށް ލަފާކުރި ބަޖެޓުގައި 19.7 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި މި އަދަދު ކޮންމެ ދައުރަކުން ދާނީ އިތުރުވަމުންނެވެ.
ކުރީގެ ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ އިބްރާހިމް މުހައްމަދު ޞާލިހާއި، މައުމޫން އަބްދުލްގައްޔޫމާއި، ރައީސް އަބްދުﷲ ޔާމީނާއި، މުހައްމަދު ނަޝީދު އަދި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.