ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން 2 ޤަވައިދެއް އެކުލަވާލައިފިއެވެ.
އެއީ ލިޔެކިޔުންތަކުގައި އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖެހުމުގެ މަސައްކަތް އެމްކިއުއޭއިން އަލުން ފެށުމާއި ބެހޭ އުސޫލާއި، އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާ ގުޅޭ ޤަވައިދެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރާ ލިޔެކިޔުންތަކުގައި އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖެހުމުގެ މަސައްކަތް އެމްކިއުއޭއިން އަލުން ފެށުމަށް ނިންމާ، މިކަމާ ގުޅޭ އެސޫލެއް ގެޒެޓުގައި ވަނީ ޝާޢިޢުކޮށްފައެވެ.
މި އުސޫލާއެކު ރާއްޖޭގައި ޤާއިމްވެފައި ހުރި ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން، އެތަނަކުން ދޫކޮށްފައިވާ ލިޔުމެއްގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނެކަމަށް އޮތް އުސޫލު މިހާރު މިވަނީ ބަދަލުކޮށްފައެވެ. އަދި މީގެ ފަހުން އެމްކިއުއޭއިން ދޫކުރާ އެއްވެސް ލިޔުމެއްގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާނީ އެމްކިއުއޭއިންކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި އުސޫލުގެ ދަށުން އެމްކިއުއޭއިން ތައްގަނޑު ޖަހާދޭ ލިޔެކިޔުންތަކުގެ ތެރޭގައި، ދިވެހިންނާއި ބޭރުގެފަރާތްތަކުގެ ކޮލިފިކޭޝަން ރިކޮގްނީޝަން އެންޑް ވެލިޑޭޝަން، ކޮލިފިކޭޝަން އެސެސްމެންޓް، ރިކޮގްނީޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް އަދި ސެކަންޑް ކޮޕީ އޮފް އަ ވެލިޑޭޓެޑް ކޮލިފިކޭޝަން ހިމެނެއެވެ.
އެމްކިއުއޭއިން ދޫކުރާ ލިޔެކިޔުންތަކުގައި އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖެހުމުގެ މަސައްކަތް އެއިދާރާއިން އަލުން ފެށުމާއެކު، އެ އިދާރާއިން ދޫކުރާ ލިޔުންތަކުގައި އިތުރު ފަރާތެއްގެ އެޓެސްޓޭޝަން ހޯދުމަކާ ނުލާ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްކަށާއި ކަމާ ގުޅޭ އެހެނިހެން ބޭނުންތަކަށް އެކި ފަރާތްތަކަށް ހުށަހެޅޭނެއެވެ. އަދި މިކަމަށް އެދޭ ފޯމު އެމްކިއުއޭގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ނިޒާމު އިތުރަށް ފުޅާ ކުރުމުގެ ގޮތުން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވަނީ އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމަށް ހުއްދަ ދޭ ޤަވާއިދެއް އެކުލަވާލާ އެ ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
މި ޤަވައިދާއެކު، ރާއްޖެއިން ބޭރުގައި އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ޕުރޮގްރާމެއް ހިންގަން ބޭނުންވާނަމަ އެ މަރުކަޒަކުން އެ ޕުރޮގްރާމެއް ހިނެގޭނީ އެމްކިއުއޭގެ ހުއްދަ ހޯދުމަށްފަހުއެވެ.
މީގެ އިތުރުން، މި ޤަވާއިދުގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް އެ މަރުކަޒުތަކަށް އެކްރެޑިޓްކޮށްދީފައިވާ ޕުރޮގްރާމުތައް ކޮލިޓީ ކޮމްޕްރޮމައިޒް ކުރުމެއްނެތި ހިންގުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެމްކިއުއޭއިން ވިދާޅުވިއެވެ. އަދި މިކަމަށް އެދޭ އެޕްލިކޭޝަން ފޯރމާއެކު އެ އިދާރާއަށް ހުށަހެޅުމުން ރާއްޖެއިން ބޭރުގައި އެ ޕްރޮގްރާމެއް ހިންގުމުގެ ހުއްދަދިނުމުގެ މަސައްްކަތް އެމްކިއުއޭއިން ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ.