ބޭރު ޤައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު އެތެރެކުރުމުގެ ވިސްނުން އެބަހުރިކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ވިދާޅުވީ ހެޔޮ އަގެއްގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ ރައީސްގެ ނިންމެވުމާ ގުޅިގެން ކާބޯތަކެތި އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތި އުފައްދައިގެން ވިއްކުމުގެ ވިސްނުން އެބަހުރިކަމަށް ޝިމާދު ވިދާޅުވިއެވެ. ހަމައެއާއެކު ދުރު ރާސްތާއަށް ވިސްނާއިރު، ބޭރު ޤައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު ރާއްޖެ އެތެރެކުރުމުގެ ވިސްނުން އެބަހުރިކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.
"ފާޓިލިޓީ ހުރި މިންވަރަށް ބަލާފައި އެބަހުރި ރާއްޖޭގައި ހެއްދިދާނެ ތަކެތިވެސް. ކުކުޅު ފާމުތައް ހަދައިގެން ބިސް ފޯރުކޮށްދެވިދާނެ." ޝިމާދު ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވީ އެސްޓީއޯއިން ޝިޕްމެންޓްތައް ގެންނަން ފަށާ ހިސާބުން މުޅި ބާޒާރުގައިވެސް ތަކެތީގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި މިކަމަށް ތައްޔާރުވުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖުގައި ޒަމާނީ ދެ ގުދަނެއް ތަރައްޤީކޮށް ބޭނުންކުރަމުން އަންނަކަމަށް ޝިމާދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހެޔޮ އަގެއްގައި ވިއްކުމަށް އެސްޓީއޯއިން އެ ތަކެތި އެތެރެކުރަނީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ނޫންކަމަށް ޝިމާދު ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ޑޮލަރު އެސްޓީއޯއިން ހިންގާ ވިޔަފާރިތަކުން ލިބޭ ކަމަށާއި ކުންފުނީގެ އަމާޒަކީ ޑޮލަރަށް ބަރޯއްސާވާ މިންވަރު ވީހާވެސް ކުޑަކުރުންކަމަށް ޝިމާދު ވިދާޅުވިއެވެ.