ޚަބަރު

މަސްތުވާތަކެތީގެ 3 މައްސަލައެއްގައި 4 މީހުން ހައްޔަރުކޮށްފި


  • ނ.ލަންދޫގައި ވަނީ އޮޕަރޭޝަނެއް ހިންގާފައި

  • މިމަހުގެ 6ވަނަ ދުވަހުވެސް ލަންދޫގައި އޮޕަރޭޝަނެއް ހިންގި

މަސްތުވާތަކެތީގެ 3 މައްސަލައެއްގައި 4 މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ. މީގެތެރޭގަ ހިމެނެނީ ނ.ލަންދޫން ހައްޔަރުކުރި 3 މީހަކާއި، ށ.ފޭދޫއިން ހައްޔަރުކުރި މީހެކެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން މިމަހުގެ 8 ވަނަ ދުވަހު ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ އަދި އެ ތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނިފައިވެއެވެ. މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ / ހަވޭލި، އުމުރުން 33 އަހަރުގެ ޙަސަން މުޙައްމަދު އާއި ނ. މާޅެންދޫ / މޫންލައިޓް، އުމުރުން 30 އަހަރުގެ އިމްރާން ޢަލީއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މަހުގެ 6 ވަނަ ދުވަހު ވެސް ލަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ފުލުހުން ހިންގާފައިވެއެވެ. މިއޮޕަރޭޝަނަކީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީއަކުން ލަންދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި، ލަންދޫ ބަނދަރުމަތިން ސ. ހިތަދޫ / ގާފިލާ، އަޙުމަދު އަބާން ޢަލީ (20އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އަޙުމަދު އަބާން ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި ދެމައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މީގެއިތުރުން ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކުވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޭދޫ ޕޮލިސް ޕޯސްޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.

މި މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށިން ފުރައިގެން ފޭދޫއަށް ދިޔަ ފެރީ ދޯންޏަކުން ފޭބި ށ. ފޭދޫ / ޒަމާނީވިލާ، އުމުރުން 27 އަހަރުގެ މުޙައްމަދު ޝާމް ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ޝާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ މި މައްސަަލަވެސް ތަހުގީގު ކުރަމުންނެވެ.