ރާއްޖޭގެ ފުޓްބޯޅާ ލީގުނެތި އެތައް ދުވަހެއްވީފަހުން ޤައުމީ ޓީމުން ސައުތު އޭޝިއަން ސުޕަ ކަޕް 2025 ކާމިޔާބު ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އަބަދުވެސް ތިބެނީ ސަޕޯޓަރުން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމްގެ އެކްސްކޯ މެންބަރު އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ކީޕަރ ޓްރޭނާ އިމްރާން މުހައްމަދު (އިންމަ) ބުނެފިއެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ފައިނަލް މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އިމްރާން ބުނީ ސަޕޯޓަރުން އަބަދުވެސް އުންމީދުކޮށްގެން ތިބެނީ ޤައުމީ ޓީމުން ރަނގަޅު ކާމީޔާބީތަކެއް ހޯދުމަށް ކަމަށާއި، ޤައުމީ ޓީމު ހޯދި ކާމިޔާބީގައި ސަޕޯޓަރުންދިން ތަރުހީބާއި ކުރި އުންމީދުގެ ވާހަކަ ފާހަގަކުރަމުން އިމްރާން ބުނީ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އަދި ފުޓްބޯޅަ އެސޯސިއޭޝަންގެ ނަމުގައި ހުރިހާ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
”ގައުމީ ޓީމުގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އަބަދުވެސް ތިއްބަވަނީ ދިވެހި ސަޕޯޓަރުން. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ދިވެހިރާއްޖޭގެ ސަޕޯޓަރުން ލަންކާގެ ދަނޑުގައި ލަންކާއަށްވުރެ އަޑުގަދަކޮށް އަޅުގަނޑުމެންނަށް ސަޕޯޓު ކުރަމުން ދިޔަތަން. އަޅުގަނޑުމެންނަށް 2008 ގެ ސާފު ޗެމްޕިއަންޝިޕްގެ ސެމީފައިނަލް މެޗުގައި ސުގަތަދާސަ ސްޓޭޑިއަމްގައި އަޅުގަނޑުމެން ކުޅުނުއިރު ސްރީލަންކާއާއި ދެކޮޅަށް ކުޅުނއިރުވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ހަމަ އެމަންޒަރު“ ކަމަށް އިމްރާން ބުންޏެވެ.
އެހެންކަމުން ފުޓްބޯޅައިން ދިވެހިން ހޯދާ ކާމިޔާބީގައި ހަމަ އެންމެބޮޑު ހިއްސާދާރަކީ ދިވެހި ސަފޯޓަރުންކަމަށް ގަބޫލުކުރައްވާ ކަމަށާއި، ސާފް ޗެމްޕިއަންޝިޕްގައި 2008 ވަނަ އަހަރު އިންޑިއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި އެ ކުރެވުނު އިހުސާސް އިއްޔެގެ މެޗުގައިވެސް ވެގެންދިޔަ ކަމަށް އިމްރާން ފާހަގަކުރިއެވެ.
ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ މަސައްކަތް ވަރަށް ފާހަގަކޮށްލެވޭ ކަމަށާއި، އާދަޔާ ހިލާފު މޮޅު ކަންތައްތަކެއް ބޭނުންކޮށްގެން މި މުބާރާތް ކާމިޔާބުކުރުމުގައި ކޯޗުގެ ހިއްސާ ވަރަށް ބޮޑު ކަމަށް އިމްރާން ބުންޏެވެ.
އިމްރާން އިތުރަށްބުނީ މި މުބާރާތަށް ތައްޔާރުވިއިރު މިކަމަށް މާ ބޮޑު ވަގުތެއް ނެތްކަމަށް ކުޅުންތެރިންނަށް ވިސްނައިދެމުން ދިޔަކަމަށާއި، ކުޅުންތެރިން ޕްރެކްޓިސްތަކުގައިވެސް ވަރަށް ސީރިއަސްކޮށް ކޮންމެ ދުވަހަކުވެސް ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންކަމަށެވެ.
”ކޯޗު ބޭނުންވާ ޓެމްޕޯއަށް ހަގީގަތުގައި ހަމަ ނަގާލެވުނީމަ މި ކާމިޔާބު މިއައީ، އަނެއްކާ މިކޮޅަށް އައިސް ފުރަތަމަ މެޗު ނިންމާފަ ރިކަވަރީގައި ކުޅުންތެރިން ދެއްކި ނަމޫނާއަކީ ދިވެހި އެންމެހާ ކުޅުންތެރިން ބަލައިގަންން ޖެހޭނެ ނަމޫނާއެއް ކަމަށް އަޅުގަނޑު ދެކެނީ“ އިމްރާން ބުންޏެވެ.
އެކި އުމުރުގެ ކުޅުންތެރިން ތިބި މިޓީމުގައި ވަރށް ޒުވާން ކުޅުންތެރިންވެސް ހިމެނޭކަން ފާހަގަކުރައްވާ އިމްރާން ބުނީ ކުރިޔަށް އޮތްތަނުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދެމުންދާއިރު ކުޅުންތެރިންގެ ބުރަ މަސައްކަތް ޤައުމީ ޓީމަށް ދެން އަންނަން ތިބި ކުޅުންތެރިންވެސް ވަރަށް ބޮޑަށް ބަލައިގަންނާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި މިއީ ނަމޫނާ ކުޅުންތެރިންތަކެއްކަމަށާއި، ސީނިއާ ކުޅުންތެރިން ޖޫނިއާ ކުޅުންތެރިން ގޮވައިގެން ވަރަށް ރަނގަޅަށް އުޅޭތަން ފެނުން ކަމަށާއި، މިފަހަރު ފެނިގެން ދިޔައީ ވަރަށް އެއް ރޫހެއްގައި ވަރަށް އެކުގައި ހުރިހާ އެންމެން މަސައްކަތް ކުރިތަންކަމަށް އިމްރާން ބުންޏެވެ.
”އަނެއްހެން ބުނާ ކަމަށްވާނަމަ ދިވެހި ގައުމީ ޓީމުގެ މި ކުޅުންތެރިން ކާމިޔާބީއެއް ރާއްޖެއަށް ހޯދައިދިނުމަށްޓަކައި ކުރި މަސައްކަތަކީ އަޅުގަނޑު ހިތުން ފިލައިގެންދާނެ މަސައްކަތެއް ނޫން. މީގަ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ބޮޑު ކަންތައްތަކެއް ނެތް. އެކަމަކު މިތިބީ ހަމަ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން މިކާމިޔާބީ ލިބިގެން މިދިޔައީ“ އިމްރާން ބުންޏެވެ.
ފުރަތަމަ ފަހަރަށް ބޭއްވި ސައުތު އޭޝިއަން ސުޕަކަޕް ކާމިޔާބުކޮށް ރާއްޖޭން މި ހޯދި ކާމިޔާބީއަކީ އަނެއްކާވެސް ދިވެހި ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޤަބޫލުކުރާކަމަށް އިމްރާން ފާހަގަކުރިއެވެ.
މި މުބާރާތުގެ ރާއްޖެ ކުޅުނު ފުރަތަމަ މެޗު 3-0 ކުން ކާމިޔާބުކޮށް ދެވަނަ ލެގު 1-1 ން އެއްވަރުވެ 1-4 ގެ އެގްރިގޭޓް ނަތީޖާއަކުން ރާއްޖެއަށް ޗެމްޕިއަންކަން ލިބިފައިވާއިރު މިއީ ރާއްޖޭގެ ގައުމީ ޓީމުން މިއަހަރު ކުޅުނު ބައިނަލްއަގްވާމީ މެޗުތަކުގެ ތެރެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗެވެ. އަދި މި ކާމިޔާބީއަކީ ކުރިޔަށް އޮތް އޭޝިއަންކަޕް ކޮލިފައިން މެޗުތަކަށް ރާއްޖެއަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއަކާއި ކުރިޔަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރުމަށް މުޅި ޓީމަށްވެސް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ.