ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ފައިސާ، އެކަމަށް އެދޭތާ 10 ދުވަސް ތެރޭގައި ހަމަޖައްސަންޖެހޭ ގޮތަށް މާއްދާއެއް އިތުރުކޮށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ ކޮމިޓިގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންނެވެ. ބިލަށް 3 އިސްލާޙެއް ގެނައުމަށް ކޮމިޓީންވަނީ ނިންމަވާފައެވެ. އެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ފާސްވާނީ، ސައްޙަ ވޯޓު 50 އިންސައްތައަށްވުރެ މަތިން ލިބިގެންކަމަށްވަނީ ހިމަނާފައެވެ.
މީގެއިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ޤަރާރެއް ފާސްކޮށް އެދޭ ތާރީޚުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޤަރާރު ނެރުއްވާ ތާރީޚުން ފެށިގެން ވޯޓު ނެގުމާމެދު މަދުވެގެން 45 ދުވަސް އޮންނަންޖެހޭނެކަމަށް ބުނާ މާއްދާ އިތުރުކޮށް، ވަކި ސަރަޙައްދެއްގައި ވޯޓު ނަގާނަމަ 45 ދުވަހަށްވުރެ ކުރު މުއްދަތެއް ތެރޭގައި ވޯޓު ނެގުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމަށްވެސް ވަނީ އިސްލާޙު ގެނެސްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުން އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ދިރާސާކުރުން pic.twitter.com/yi0NhA0dvY
— People's Majlis (@mvpeoplesmajlis) September 9, 2025
ސަރުކާރުގެ ފަރާތުން މިބިލު ހުށައަޅާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަނީ ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ މުހިއްމު ކަންކަމާއި، މުޅި ޤައުމާއި ގުޅުންހުރި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައެވެ.
ރާއްޖޭގައި އެންމެ ފަހުން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވަނީ 2007 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމެއް ގެގޮތުގައި ބާއްވަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށެވެ.
އެފަހަރު ވޯޓުގައި ބައިވެރިވި މީހުންގެތެރެއިން 95000 އަށްވުރެ ގިނަ ރައްޔިތުން ނިންމީ ރާއްޖޭގައި ބާއްވަން ބޭނުންވަނީ ރިޔާސީ ނިޒާމެއްކަމަށެވެ. އަދި 58500 އެއްހާ ރައްޔިތުން ވޯޓު ދީފައިވަނީ ރާއްޖޭގައި ބާއްވަން ފެންނަނީ ބަރުލަމާނީ ނިޒާމެއްކަމަށެވެ.