ޚަބަރު

ގުޅީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް


  • ގްރޮއިންސް ޖެހުމުގެ މަސައްކަތުގެ %88 ވަނީ ނިމިފައި

  • ރިވެޓްމަންޓު ޖެހުމުގެ މަސައްކަތުގެ %48 ވަނީ ނިމިފައި

ކ. ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރިއަށްދާ އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ހާމަކުރައްވައިފިއެވެ.

ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 10.15 ހެކްޓަރ މިހާރުވަނީ ހިއްކާ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެ މަޝްރޫއުގައި މަސައްކަތުގެ ތެރޭގައި ހިމެނޭ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީން ވިދާޅުވީ ގުޅީ ގޮނޑޮދޮށް ހިމާތްކުރުމުގެ މަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާތަނަށް ގްރޮއިންސް ޖެހުމުގެ މަސައްކަތުގެ %88 އަދި ޖިއޯބޭގް ރިވެޓްމަންޓު ޖެހުމުގެ މަސައްކަތުގެ %48 ނިމިފައިވާކަމަށެވެ. އަދި މުޅި މަސައްކަތުގެ %88 ނިމިފައިވާކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރޗުމަހުއެވެ. މިމަޝްރޫޢާއެކު ގުޅީ ބިން 2 ގުނައަށް ބޮޑުވެގެންދާނެއެވެ.

ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު އެރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. އެފަހަރު ދޫކޮށްފައިވަނީ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

އަދި ގުޅިއަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށެކެވެ. ބިމުގެ ޖާގައިގެ މައްސަލަ ޙައްލުވުމާއެކު ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރަށަށް އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް އަންނާނެކަންވެސް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

ގުޅީ ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 83 މިލިޔަން ރުފިޔާއަށެވެ.