ޚަބަރު

ލަންކާ އާއި ރާއްޖެ ކުޅޭ ދެވަނަ މެޗު ޕީއެސްއެމްއިން ވަގުތުން


  • މެޗު ލައިވްކުރާނީ ޓެލަވިޒަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުން

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ސްރީ ލަންކާ އާއި ދިވެހިރާއްޖެ ވާދަކުރާ ދެވަނަ މެޗު ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޓެލަވިޒަން މޯލްޑިވްސް (ޓީވީއެމް) އަދި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭގޮތަށް ހަމަޖެހިއްޖެއެވެ.

ސްރީ ލަންކާގެ ރޭސްކޯސްގައި މާދަމާ ހަވީރު ރާއްޖެ ގަޑިން 17:15 ގައި ފެށުމަށް ހަމަޖެހިފަވާ މެޗާ ގުޅޭ ޚާއްސަ ކަވަރޭޖް މިރޭ 10 ޖަހާއިރު ޓީވީއެމް އަދި ޕީއެސްއެމް ނިއުސް މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކަވަރޭޖުގެ މެއިން ސްޕޮންސަރަކީ ދިރާގެވެ.

ފުރަތަމަ މެޗު ބެލުމަށް ލަންކާގައި ދިރިއުޅޭ ރާއްޖޭ ރައްޔިތުން ރޭސްކޯސް ދަނޑަށް ވަތްއިރު މާދަމާގެ މެޗު ބެލުމަށް ގިނަ ދިވެހިން ދަނޑަށް ވަނުމަށް އެފްއޭއެމުން ވަނީ އެދިފައެވެ. މާދަމާގެ މެޗު ބެލުމަށް ލަންކާ އިން ވަނީ ގިނަ ސަޕޯޓަރުން ވެއްދުމަށް މިހާރު ޓިކެޓް އަގުހެޔޮކޮއްފައެވެ.

''ސައުތު އޭޝިއަން ސުޕަ ކަޕް 2025'' ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ގައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެ ހިތްވަރުދެއްވައިފައެވެ. ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) އަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މި މުބާރާތުގައި ކުޅުނު މެޗުން ގައުމީ ޓީމު ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވިއެވެ. މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ގައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ގައުމީ ޖޯޝާއެކު މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ކުރިން ދިވެހިރާއްޖޭގައި އޮންނަ ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް، ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކޮށް އަލާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތަކުގައި ކުޅިވަރު ތަރައްޤީކުރެއްވުމަށް ތަފާތު ވަސީލަތްތައް ސަރުކާރުން ދަނީ ޤާއިމްކުރައްވަމުންނެވެ.

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު 3-0 ގެ ނަތީޖާއަކުން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ހޯދި ކާމިޔާބީގައި ކުޅުންތެރިން ކުރި ހިތްވަރާއެކު މާދަމާ މެޗަށް އޮތް އުއްމީދު ބޮޑު ކަމަށް ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)ވަނީ ބުނެފައެވެ.

ރާއްޖެ އާއި ލަންކާ ވެސް ތައްޔާރުވަމުން މިދަނީ އަންނަ މަހު ކުޅުމަށް ހަމަޖެހިފަވާ އޭޝިޔަން ކަޕް ކޮލިފައިން މެޗުތަކަށެވެ.