ޚަބަރު

މުޖުތަމަޢުގެ ރައްކާތެރިކަމަށް ޤައުމީ ޒިންމާއެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ: ވަޒީރު ޑރ. ހައިދަރު


  • ރާއްޖޭގެ ފުރަތަމަ "ސޯޝަލް ޑައިލޮގް ކޮންފަރެންސް 2025" ވަނީ ބާއްވާފައި

  • މިއީ ޢިމާރާތްކުރުމާއި މަސައްކަތްތެރިކަމުގެ ސިނާޢަތަށް ޚާއްސަ ކޮންފަރެންސެއް

އެކި ވިޔަފާރިތަކާއި އިދާރާތަކަށް ކުރިއެރުމާއި މަންފާ ހޯދުމަށް ކުރާ މަސައްކަތާ އެއްގޮތަށް، އާއްމު މުޖުތަމަޢަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުމަކީ ޤައުމީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއްކަމަށް މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސައްކަތްތެރިކަމުގެ ސިނާޢަތަށް ޚާއްސަކޮށް ކުރިއަށްގެންދިޔަ ރާއްޖޭގެ ފުރަތަމަ "ސޯޝަލް ޑައިލޮގް ކޮންފަރެންސް 2025" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ކޮންފަރެންސްގައި ވަނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާ، ޔުނައިޓެޑް ނޭޝަންސް، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، ޓްރައިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑް އަދި އިމާރާތްކުރުމާއި މަސައްކަތްތެރިކަމުގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުން ބައިވެރިވެއެވެ. މިއީ 2024ވަނަ އަހަރު ތަސްދީޤުކުރި، އިންޑަސްޓްރިއަލް ރިލޭޝަންގެ ޤާނޫނާއެކީ، މިގޮތަށް ކަމާގުޅުންހުރި ފަރާތްތަކުން އެއްތަނަކުން ބައްދަލުވެ ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުމެވެ. މި ކޮންފަރެންސްގެ މަޤުޞަދަކީ ރާއްޖޭގައި މަސައްކަތެރިކަމުގެ ތަފާތު ސިނާޢަތްތައް އޮތް ޙާލަތު ދެނެގަތުމާއި މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ޙައްލު ހޯދަން ޖެހިފައިވާ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.

މި ބައްދަލުމުވައި މަތީ ތަޢުލީމާ މަސައްކަތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދުވަނީ މުއައްސަސާތަކާއި އިދާރާތަކަށް ކުރިއެރުމާއި މަންފާ ހޯދުމަށް ކުރައްވާ މަސައްކަތްތަކާ އެއްގޮތަށް، އިޖުތިމާޢީ ގުޅުން ބަދަހިކުރުމާއި ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމާއި އާއްމު މުޖުތަމަޢަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުން ފަދަ ޤައުމީ ޒިންމާތައް އަދާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަންދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ވަޒީރު ޑރ.ހައިދަރު ވިދާޅުވީ އަމާޒަކީ ވަޒީފާގެ ބާޒާރުގެ މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކަށް ރައްކާތެރި ވަޒީފާގެ މާޙައުލެއް ބިނާކޮށް، ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަކަށް ސުއްޙަވެރިކަމާއެކު ހައްލު ހޯދުމާއި، ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއެކު ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ.

"އިންޑަސްޓްރިއަލް ރިލޭޝަން ޤާނޫނާއެކު ގިނަ ކުރިއެރުންތަކެއް ހޯދިއްޖެ. ޓްރައިޕާޓާއިޑް އެޑްވައިޒަރީ ބޯޑާއި ރެގިއުލޭޝަން ބޮޑީތައް ހަރުދަނާކުރެއްވިއްޖެ. އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނާއެކު މަސައްކަތްތެރިންނާ ގުޅޭ މުހިންމު ޕްރޮގްރާމެއް ވަނީ ފެށިފައި. އަދި މިނިމަމް ވޭޖް ރިވައިޒްކުރުންވެސް ކުރިއަށްދޭ." ވަޒީރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ސޯޝަލް ޑައިލޮގް ކޮންފަރެންސެވެ. މިއީ އިންޑަސްޓްރިއަލް ރިލޭޝަން ޤާނޫނުގެ ދަށުން، މަސައްކަތްތެރިންގެ ޙައްގުތައް ޙިމާޔަތްކުރުމާއި ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރަމުންދާ މަސައްކަތެކެވެ. މި ޤާނޫނުގެދަށުން މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެދަށުން "ޓްރައިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑް" އެކުލަވާ މި ދާއިރާއިން މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިއީ 10 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

ސޯޝަލް ޑައިލޮގް ކޮންފަރެންސް 2025 އަކީ 1 ދުވަހަށް ކުރިއަށްގެންދިޔަ ކޮންފަރެންސެކެވެ.