ޚަބަރު

ވިޒިޓް މޯލްޑިވްސްއިން "ދަ އިވެންޓްސް ކަލަންޑަރ" ތަޢާރަފްކޮށްފި


  • މިޚިދުމަތަކީ ތަޖުރިބާކޮށްލުމާއި އަދި އެޑްވެންޗަރ ފަތުރުވެރިކަން ކުރިއަރާނެކަމެއް

  • މަޢުލޫމާތު ހޯދުމުގެ މައި ހަބެއްގެ ގޮތުގައި މި ޕްލެޓްފޯމް މަސައްކަތްކުރާނެ

ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި އިވެންޓުތައް ޕްރޮމޯޓުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން 'ދަ އިވެންޓްސް ކަލަންޑަރ' ތައާރަފްކޮށްފިއެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ އެކިއެކި ފެސްޓިވަލްތަކާއި، ކުޅިވަރުގެ އެކި ހަރަކާތްތަކުން ފެށިގެންް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، މައުރަޒުތަކުގެ މަޢުލޫމާތު މި ޕްލެޓްފޯމުން ލިބެން ހުންނާނެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ވިދާޅުވީ މި އިވެންޓް ކަލަންޑަރުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އަދި އެކި ކަހަލަ އިވެންޓުތައް އިންތިޒާމް ކުރާ ފަރާތްތަކަށް އިވެންޓްތައް ކުރިއާލާ ޕްރޮމޯޓްކޮށް، ރާއްޖޭގައި އަދި ދުނިޔޭގެ އެކި ހިސާބުތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެކަމަށެވެ.

ދިވެހި ރާއްޖޭގެ ޚާއްސަ ސިފަތަކާއި ފަތުރުވެރިން ގަޔާވާނެފަދަ ފަރުމާތަކާއެކު، މި ކަލަންޑަރުގައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންނާއި، ރިސޯޓުތަކުންނާއި އަދި ރަށްރަށުން އަހަރު ތެރޭގައި ރާވާފައިވާ ހަރަކާތްތައް ހިމެނޭނެއެވެ. އަދި ސަގާފީ ހަރަކާތްތަކުން ފެށިގެން، ކުޅިވަރު މުބާރާތްތަކާއި، ވެލްނަސް ރިޓްރީޓްތަކާއި އަދި ކެއްކުމާއި ކާބޯތަކެތީގެ ފެއާތަކުގެ މައުލޫމާތުތަކާއެކު، ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ ހަނދާނުގައި ދެމިހުންނާނެ ފަދަ މަންޒިލަކަށް ވާނެފަދަ ހުރިހާ ކަމެއް މިޕްލެޓްފޯމުގެ ޒަރިއްޔާއިން އެއްތަނަކުން ފެންނަން ހުންނާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި ޕްލެޓްފޯމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މުހިއްމު މަސައްކަތެއްގެގޮތުގައި ވިޒިޓް މޯލްޑިވްސްއިން ދެކެއެވެ. މި ކަލަންޑަރުގައި ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ މަޝްހޫރު ޝެފުންގެ ރެސިޑެންސީތަކާއި، ރާޅާއެޅުމުގެ ފެސްޓިވަލްތަކާއި، ވެލްނަސް ރިޓްރީޓްތަކާއި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށް ހިންގޭ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ލިބެން ހުންނާނެއެވެ. މިތަނުން އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަށް އެދޭނަމަ، މި ޕްލެޓްފޯމް މެދުވެރިކޮށް ވަގުތުން ބޭނުންވާ ހަރަކާތްތަކާ ގުޅުމުގެ އިތުރުން، ހިލޭ ބައިވެރިވެވޭ ހަރަކާތްތަކުގެ މަޢުލޫމާތު ފަސޭހައިން ހޯދޭނެއެވެ.

މި ކަލަންޑަރާއެކު ރާއްޖޭގައި ފާހަގަކުރާ އެކި މުނާސަބަތުތަކާއި ރާއްޖޭގައި ކުރިއަށް ގެންދެވޭ ހުރިހާ ހަރަކާތްތަކާއި މުބާރާތްތައް މުޅި ދުނިޔެއާއި ހިއްސާ ކުރެވިގެންދާނެއެވެ. ދިވެހި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ލާމަސީލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް، މި ކަލަންޑަރު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެމްބަރުންނާއި ، ރިސޯޓްތަކާޢި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަދު އޮޕަރޭޓްކުރާ ފަރާތްތަކާއި ރަށު ކައުންސިލްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނަށް ދަޢުވަތު އަރުވާކަމަށް ވިޒިޓް މޯލްޑިވަސް ކޯޕަރޭޝަނުން ވިދާޅުވެ.