ޚަބަރު

ޓެކުހާ ގުޅޭ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު އިސްތިޢުފާ ދެއްވައިފި


އަލަށް ބައްލަވައިގެންނެވި ގެކޮޅަކަށް ދައްކަވަންޖެހޭ ޓެކްސް ދެއްކެވި ޢަދަދު ގޯސްވެގެން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު، އެންޖެލާ ރޭނަރ ހޫނުފެނަށް ވެއްޓިވަޑައިގަންނަވައި މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. މިއީ ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުން މިހާތަަނަށް ވަކިވެވަޑައިގަންނަވާފައިވާ އެންމެ އިސް ބޭފުޅާއެވެ.

ސަރުކާރުގެ ވަޒީރުން، ވަޒީރުން ޢަމަލުކުރަންޖެހޭ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރައްވައިތޯ ބަލައި މިނިވަން މުޝީރަކު ވަނީ ވަޒީރުން ޢަމަލުކުރަން ޖެހޭ ޤަވާއިދާ އެއްގޮތަށް ރޭނަރ ޢަމަލު ކުރައްވާފައި ނުވާ ކަމަށް ފާހަގަކޮށްފައެވެ. ޓެކްސް ދެއްކުމާ ގުޅޭގޮތުން ޤާނޫނީ ލަފާ ހޯއްދަވާފައިވާ ނަމަވެސް ޓެކްސްއާ ގުޅޭ ތަޖުރިބާކާރެއްގެ ލަފާ ހޯއްދަވާފައި ނުވާ ކަމަށް މުޝީރު ވަނީ ވިދާޅުވެފައެވެ. އޭނާ ހުންނެވި މަޤާމުގެ ގޮތުންނާއި އުފުއްލަވައި ޒިންމާތަކުގެ ސަބަބުން އެ ފަދަ ތަޖުރިބާކާރެއްގެ ލަފާ އެ ޙާލަތުގައި ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

މަޤާމުން އިސްތިޢުފާ ދެއްވައި ފޮނުއްވި ސިޓީގައި ރޭނަރ ވިދާޅުވީ ޓެކްސްއާބެހޭ ތަޖުރިބާކަރެއްގެ ލަފާ ނުހޯއްދެވުމަކީ އޭނާއަށް ހެއްދެވުނު ގޯހެއް ކަމަށާއި އެ ކަމާ ހިތާމަ ކުރައްވައި ކަމަށެވެ. އެ ކަމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ބޮޑުވަޒީރު ސްޓާމަރ ވިދާޅުވީ ސަރުކާރުން ރޭނަރ ވަކިވެވަޑައިގަތުމަކީ ސަރުކާރަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް ރޭނަަރ ނިންމަވާފައިވާ އުނދަގޫ ނިންމެވުން ޤަބޫލުކުރައްވައި ކަމަށާއި އެއީ މި ޙާލަތުގައި ރޭނަރއަށް އެޅުއްވޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ވެސް ސްޓާމަރ އެއްބަސްވެވަޑައިގަތެވެ. ރޭނަރއަކީ އިތުބާރު ކުރެވޭ ބައިވެރިއެއް އަދި ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ސްޓާމަރ ސިފަކުރެއްވިއެވެ. ސަރުކާރުގައި މުހިންމު ދައުރެއް ޢަދާ ކުރައްވަމުން ދިޔަ ރޭނަރ ސަރުކާރާ އަލްވަދާޢު ކިޔުއްވި ނަމަވެސް އޭނާއަކީ ވެރިކަންކުރާ ޕާޓީގެ މުހިންމު މެންބަރެއް ކަމަށް ސްޓާމަރ ވިދާޅުވިއެވެ.

ރޭނަރއަކީ ސްޓާމަރގެ ސަރުކާރާ ވަކިވެވަޑައިގަންނަވާ އަށްވަނަ ވަޒީރެވެ. ސަރުކާރުން އޭނާ ވަކިވެވަޑައިގަތުމަކީ ސްޓާމަރއަށް އޮތް ގޮންޖެހުންތަކާއި ފިއްތުންތައް އިތުރުވާނެ ކަމެއް ކަމަށް ބެލެވެއެވެ. ސަރުކާރުގެ ތެރޭގައި ހަލަބޮލިކަން އިތުރުވެފައިވުމުގެ ސަބަބުން ފާޑުކިޔުންތެރިންގެ ކަޅި ވަނީ ސްޓާމަރއަށް އަމާޒުވެފައެވެ.