ޚަބަރު

ފުޓްސަލް ކުޅުންތެރިންނަށް ފަހި ފުރުސަތު ހޯދައިދޭން އެފްއޭއެމްގެ ދައުރު ބޮޑުކުރަނީ


ފުޓްސަލް ކުޅުންތެރިންނަށް ފަހި ފުރުސަތު ހޯދައިދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދައުރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ" ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޠާރިޤު ވިދާޅުވީ މި ބަދަލު ގެންނަން އެންމެ ބޮޑަށް ބޭނުންވަނީ ފުޓްސަލް ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ގިނަ ފުރުސަތުތަކެއް ގެއްލިގެންދާތީ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުބާރާތްތައް ހިންގާއިރު އެފްއޭއެމްގެ ބެލެނިވެރިކަމުގެ ބޭރުން މުބާރާތްތައް ހިންގުމުން ގައުމީ ޓީމު އެކުލަވާލުން ފަދަ ކަންކަމަށް ދަތިތަކެއް ދިމާވާނެ ކަމަށާއި އޭގެ ސަބަބުން ހުނަރުވެރި މޮޅެތި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފުރުސަތުތައް ގެއްލިގެންދާ ކަމަށެވެ.

މި މަސަލަތައް ހައްލުކޮށް އެފްއޭއެމްގެ ނިޒާމުގެ ތެރެއަށް ފުޓްސަލް ވެއްދުމައްޓަކައި އެ ކުޅިވަރަށް ހާއްސަ ކޮމެޓީއެއް އެކުލަވާލެވި މަސައްކަތް ކުރައަށްދާކަމަށް ޠާރިޤު ވިދާޅުވިއެވެ.

ފުޓްސަލް ކުރިއްގެންދެވޭނެ ގޮތަކާމެދު ޕްލޭނެއް އެކުލަވާލުމަށް މިހާރު އެޑްހޮކް ކޮމެޓީއެއް އެކުލަވާލާ މަސައްކަތް ކުރިއަށްދާ ކަމަށް ޠާރިޤު ވިދާޅުވިއެވެ.

"މިހާރު މުބާރާތްތައް ބާއްވާ ފަރާތްތަކާ އެކު ވާހަދައްކައިގެން އެފްއޭއެމް އެފިލިއޭޓްވާ މުބާރާތްތަކަށް އެ މުބާރާތްތައް ހަދާނީތޯ ނޫނީ، އެފްއޭއެމް އަލުން މުބާރާތްތައް ބާއްވާނީތޯ، އަދި މީގަވާގޮތަކީ އަޅުގަނޑުމެންގެ ސިސްޓަމުން މުބާރާތްތައް ބޭއްވީމަ ވާގޮތަކީ ސާފް ނުނީ އޭއެފްސީ މުބާރާތްތަކަށް އަޅުގަނޑުމެންނަށް ނޯވޭ ރާއްޖޭގެ ޗެމްޕިއަންއޭ ކަނޑައަޅާފަ މުބާރާތްތަކަށް ފޮނުވެން." ޠާރިޤު ވިދާޅުވިއެވެ.

ޠާރިޤު ވިދާޅުވީ ރަސްމީ ފުޓްބޯޅައިގެ ހަރަކާތްތަކަށާއި ގައުމީ ޓީމުގެ ކަންކަން ހަމަޖެއްސުމަށް ހުރިހާ ވަގުތެއް ހުސްކުރުމުން ފުޓްސަލް އަދި ބީޗް ސޮކަރ ފަދަ ކުޅިވަރުތަކަށް މީގެ ކުރިން އަޅާނުލެވި ދިޔަކަމަށެވެ. ފުޓްސަލް އަކީ ރާއްޖޭގެ ދިގުމުއްދަތަކަށް ކުޅުމުން އަންނަ މަގުބޫލު ކުޅިވަރެއް ކަން ޠާރިޤު ވިދާޅުވިއެވެ.

"ދެން އެފްއޭއެމް އަޅުގަނޑުމެން ސީދާ އަދި މުބާރާތެއް ލާފައެއް ނުވާނެ، އެކަމަކު ބީޗް ސޮކަރ އަލަށް ފަށައިގަންނަ އެބަ މަސައްކަތް ކުރަން، އަލަށް ބަޔަކު މީހުންނަށް ދަސްކޮށްދިނުމާއި، ކޯޗުން ތަމްރީން ކުރުމާއި މި ކަހަލަ ޕްރޮގްރާމްތަކެއް ފުރަތަމަ ކޮޅު ހުންނާނީ." ޠާރިޤު ވިދާޅުވިއެވެ.

ރަސްމީ ފުޓްބޯޅައިގެ އިތުރުން ފުޓްސަލް އާއި ބީޗް ސޮކަރ އަކީ ފީފާ އާއި އޭއެފްސީގެ ބެލުމުގެ ދަށުން އެފްއޭއެމްއިން ކުރިއަށްގެންދާ ދެ ކުޅިވަރުކަން ޠާރިޤު ވަނީ ފާހަގަކޮއްފައެވެ.

މިހާރުން މިހާރަށް ގެނެވެން ހުރި ހައްލުތައް ބަލައި މަސައްކަތް ފަށައިފިކަމަށާއި އެގޮތުން ކުލަބުތަކުން ފަރިތަރކުރުންތައް ކުރިއަށްގެންދާ ޓާފް ދަނޑުގެ މަރާމާތުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޠާރިޤު ވިދާޅުވިއެވެ.

"މުބާރާތައް އެފްއޭއެމް އިން ރެފްރީން ހަމަޖެއްސުމާއި، ދެން އަދި މިނޫނަސް އެފްއޭއެމް އިން ކުރަންޖެހޭ ކަންކަން ކުރަމުން މިދަނީ، އަދި މުބާރާތްތަކެއް އިއުލާން ކުރާއިރު ސްޕޮންސަރުން ހޯދުމާއި އެ މަސައްކަތްތައް އަޅުގަނޑުމެން އެބަކުރަން." ޠާރިޤު ވިދާޅުވިއެވެ.