ވިޔަފާރި

ބޮޑެތި މަޝްރޫޢުތަކާއެކު އުފެއްދުންތެރިކަންވެސް އިތުރުވެގެންދާނެ


މިހާރު ރާއްޖޭގައި ފަށްޓަވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަމަށް ގިނަ ފައިސާތަކެއް އިތުރުވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖޭގައި ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކަށް ބަލާއިރު މި މަޝްރޫޢުތަކަކީ މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގައި ހިންގާފައިނުވާ ވަރުގެ ބޮޑު މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ ރާއްޖޭގެ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމެވެ. މިކަން ކާމިޔާބުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ ގުނަ ޕްރޮޖެކްޓްތައް މުޅި ރާއްޖޭގައި ހިންގަވަމުންނެވެ. މި ޕްރޮޖެކްޓްތަކުގެ ހަޤީޤީ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ލިބިދޭނީ މި މަޝްރޫޢުތައް ނިމި ޚިދުމަތް ދޭން ފަށާތާ ދެތިން އަހަރު ފަހުންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވި. އަދި ކުރިއަށް ހިންގެވުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫޢުތަކާއެކު މިއިން ދުވަހަކު ރާއްޖެ ނުދެކޭވަރުގެ ތަރައްޤީއެއް، ރާއްޖެއަށް ލިބޭނެކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުން ފުރުޞަތުދީގެން ނުވާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ ސަރުކާރުން މިހާރު ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކަކީ ކާމިޔާބު އަދި ޤައުމަށާއި ރައްޔިތުންނަށް ފައިދާ ކުރާނެ ކަންކަމަށްވާތީ މިކަންކަން ހުއްޓުވަން ކުރާ މަސައްކަތްކަމަށް މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ކުރިއަށް ގެންދާ އެންމެ ބޮޑު ބިޔަ މަޝްރޫއަކީ ބްރިޖްގެ މަސައްކަތެވެ. މިއީ މިހާރު މާލެއާއި ހުޅުމާލޭގައި ދިރިއުޅެމުންދާ ގިނަބައެއްގެ އުއްމީދުތަކާއި ގުޅިފައިވާ މަޝްރޫއެކެވެ. މީގެ އިތުރުން ރާއްޖެއިން ތެޔޮ ހޯދުމަށާއި ހެޔޮ އަގެއްގައި ތެޔޮ އެތެރެކުރުމަށް ކުރާ މަސައްކަތްތަކާއި އިވަންދިއްފޮޅު ޕްރޮޖެކްޓަކީވެސް މުޅި ރާއްޖޭގެ އިޤްތިޞާދަށާއި ތަރައްޤީއަށް ބޮޑު ބަދަލެއް ގެނުވާނެ ޕްރޮކްޓްތަކެކެވެ. ސަރުކާރުން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ތަރައްގީގެ އެކި މަޝްރޫޢުތައް ހިންގަވަމުންނެވެ.