ޚަބަރު

ގިނަ މަސްއޫލިއްޔަތުތަކާ އެކު އެސްއޯއީތަކަށް ސެކްރެޓަރީން އައްޔަނުކުރުމުގެ އުޞޫލެއް!


  • ސެކްރެޓަރީންނަކީ ކަމަށް އެކަށޭނަ ޤާބިލު ބަޔަކަށް ހެދުމަކީ އުޞޫލު އެކުލަވާލި ބޭނުމެއް

  • ސެކްރެޓަރީގެ ގޮތުގައި މަޤާމެއް ކޮންމެ ކުންފުންޏަކުންވެސް މިހާރު އުފައްދަންޖެހޭނެ

ގިނަ މަސްއޫލިއްޔަތުތަކާ އެކު ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ސެކްރެޓަރީން އައްޔަނުކުރުމާ ބެހޭ އުޞޫލެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރެފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންގެ މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި މަޤާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު މިހާރު ވަނީ ޢާންމުކޮށްފައެވެ.

ޕީސީބީން ވިދާޅުވީ އުޞޫލު އެކުލަވާލީ ސަރުކާރު ހިއްސާވާ ކުންފުނީގެ ސެކްރެޓަރީންނަކީ ކަމަށް އެކަށޭނަ ޤާބިލު ބަޔަކަށް ހެދުމަށާއި މަޤާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުމަށާއި އެމަޤާމަށް މީހުން ނެގުމާއި މަޤާމުން ވަކިވުމާއި ވަކިވާނެ އުޞޫލުތައް އެއް އުޞޫލަކުން ބަޔާންކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ސެކްރެޓަރީންނާ ގުޅޭ ކަންކަން ދެ ފުށްފެންނަ ގޮތަކަށް ބޭއްވުމަށާއި ސެކްރެޓަރީންގެ މަސައްކަތާއި ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް އެމަޤާމަށް ދޭންޖެހޭ ހައިބަތާއި ގަދަރު ލިބުމަށް މަގުފަހިކުރުމަކީވެސް އުޞޫލުގެ ބޭނުމެއްކަމަށް ޕީސީބީން ވިދާޅުވިއެވެ.

ޕީސީބީން އެކުލަވާލި މި އުޞޫލުގައި ކުންފުނީގެ ސެކްރެޓަރީގެ މަޤާމުގެ ތަޢުލީމާއި ތަޖުރިބާގެ ޝަރުތުތަކާއި މަޤާމުގެ ޒިންމާތަކާއި ކުންފުނީގެ ސެކްރެޓަރީން އައްޔަނުކޮށް ވަކިކުރެވޭނެ އިޖުރާއަތްތައް ބަޔާންކޮށްފައިވެއެވެ. މި އުޞޫލާ އެކު ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި ކޮންމެ ކުންފުންޏެއްގައިވެސް ވަކި މަޤާމެއް އުފައްދަންޖެހޭނެއެވެ.

މި އުސޫލުގައި ސެކްރެޓަރީން އައްޔަނުކުރަންވާނީ ކުންފުނީގެ ޤާނޫނާއި ހިންގާ ޤަވާއިދާއި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ޑިރެކްޓަރުންގެ ބޯޑުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މަޤާމަށް އައްޔަނުކުރާތާ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފަރުމާކޮށްފައިވާ ކުންފުނީގެ ސެކްރެޓަރީގެ ތަމްރީން ޕްރޮގްރާމްވެސް ފުރިހަމަކުރަންޖެހޭނެއެވެ.

މީގެ އިތުރުން ކުންފުނީގެ ބޯޑުން ކަނޑައަޅާ އުސޫލެއްގެ ދަށުން މަދުވެގެން ކޮންމެ އަހަރަކު އެއް ފަހަރު ސެކްރެޓަރީގެ ޕަރފޯމަންސް އެޕްރައިޒަލް ހަދައި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރާކަން ބޯޑުން ކަށަވަރުކޮށް ބަލަންވާނެކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ކުންފުނިތަކުގެ ސެކްރެޓަރީންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުންފުނި ހިނގަމުންދަނީ ޕީސީބީގެ އިތުރުން ކުންފުނިން ތަބާވާންޖެހޭ ރެގިއުލޭޓަރުން އެކުލަވާލާފައިވާ އުސޫލުތަކާއި އެންގުންތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމާއެކު އެ ކަންކަމާ ގުޅޭގޮތުން މެންބަރުންނަށް ދޭންޖެހޭ ލަފަޔާއި އިރުޝާދުދިނުން ހިމެނެއެވެ. އަދި ކުންފުނިން ތަބާވާންޖެހޭ ރެގިއުލޭޓަރުންނާއި މޮނިޓަރިން އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދޭންޖެހޭ އެއްބާރުލުންދިނުމަކީވެސް ސެކްރެޓަރީންގެ މަސްއޫލިއްޔަތެކެވެ.