ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާރޗް ސެންޓަރު ޖަވަކަރަ ރިސޯޓުގައި ހުޅުވައިފި


  • ޔުނިވަރސިޓީތަކަށް ރިސާރޗް ހެދުމަށް ބޭނުން ކުރެވޭނެ

  • ކަނޑުގެ ދިރުންތަކުގެ ތަފާތު އެކި ދިރާސާތައް ހެދޭނެ

ދިވެހިރާއްޖޭގެ އެންމެ ބޮޑު މެރައިން ރިސާރޗް ސެންޓަރު ޖަވަކަރަ އައިލަންޑް މޯލްޑިވްސްގައި ހުޅުވައިފިއެވެ.

މި ރިސަރޗް ސެންޓަރު ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާއްޓައި ބެހޭ ވަޒީރު ތާރިގް އިބްރާމްއާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާއެވެ.

މިރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާންއާއި ޗީފް އޮފް ޑިފެންސް ފޯރސް އިބްރާހިމް އިލްމީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ރިސޯޓުގެ އިސްވެރިންނާއި ރިސަރޗް ސެންޓަރގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.

މި މެރިން ރިސަރޗް ސެންޓަރއަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ އެކި ކަންކަން ދިރާސާކޮށް ދެނެގަތުމަށް ހުޅުވި ސެންޓަރެކެވެ. މި ސެންޓަރުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ކަނޑުގެ ދިރުންތައްކައް އަންނަމުންދާ ބަދަލުތަކާއި މުރަކަތަކަށް ދިމާވާ އެކި މައްސަލަތުގެ އިތުރުން ތަފާތުއެކި ދިރާސާތައް ކުރެވޭނެއެވެ.

ޖަވަކަރަ އައިލަންޑް މޯލްޑިވްސްގައި ހުޅުވި މެރިން ރިސަރޗް ސެންޓަރާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޗަމްޕަރ ބްރަދަރސްގެ ޗެއަރމަން މުޙައްމަދު މޫސާ ވިދާޅުވީ މިފަދަ މެރިން ރިސަރޗް ސެންޓަރއެއް ހުޅުވިގެންދިއުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައިގެން ދާއިރު މި ފަދަ ސެންޓަރުތައް ރިސޯޓުތަކުގައި ހުރުމުގެ މުހިންމުކންވެސް މުޙައްމަދު މޫސާވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކަނޑުގެ ދިރުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި އެތަކެތީގެ ވެށި ހިމާޔަތްކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޓުއަރިޒަމް އިތުރަށް ކުރިއަރުވަން މިއުޅޭނީ. އެހެންވީމައި އޭގެ ތެރޭގައި އޮންނަން ޖެހޭ ކަމެއްމީ. މަސްމަހާއި އެއްޗިސް ވެލާ ކަހަންބު އެއްޗިސް ބަލި އެއްޗިސް ބަލިހާލު ބެލުން. ހޮސްޕިޓަލްތަކެއް ހެދިގެންދާއިރު އަޅުގަނޑުމެން ޖެހޭ މިކަހަލަ ތަނެއް ހަދަން" މުހައްމަދު މޫސާ ވިދާޅުވިއެވެ.

ޖަވަކަރަ ރިސޯޓުގައި ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ރިސަރޗް ސެންޓަރުގައި ތަފާތު އެކި ކަންކަން ދިރާސާކުރުމަށް ލެބޯޓަރީތައް ވަނީ ޤައިމްކޮށްފައެވެ. މީގެ އިތުރުން ކަރަންޓީނު ފެސިލިޓީތަކާއި ކިޔަވައިދޭނެ ކުލާސްރޫމްވެން ވަނީ ޤާއިމްކޮށްފައެވެ.

ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާއި ރާއްޖޭގެ އެކި ޔުނިވަރސިޓީތަކުގެ ތަފާއެކި އެކި ދިރާސާކުރުމަށް މިތަން ބޭނުން ކުރެވޭނެއެވެ. މީގެ އިތުރުން ރިސާރޗްގެ ދާއިރާއިން ކިޔަވައި ދަރިވަރުންނަށް އަމަލީ ގޮތުން ބޭނުންވާ އެކިއެކި ތަމްރީނުރައް މިތަނުން ފޯރުކޮށްދެވޭނެއެވެ. މިއީ ރާއްޖޭގައި މިހާތަނައް ހުޅުވި އެންމެ ބޮޑު މެރައިން ރިސަރޗް ސެންޓަރއެވެ.

މި ރިސަރޗް ސެންޓަރު ހުޅުވުމާއި ގުޅުވައިގެން ރާއްޖެއިން ބޭރުގެ ޕްރޮފެސަރުންނާއި ސައިންޓިސްޓުން ބައިވެރިވެގެން ވޯކްޝޮޕެއް ވަނީ ފަށާފައެވެ.