ޚަބަރު

"އަންހެނުންގެ ދުޅަހެޔޮކަން ކަށަވަރުކުރެވޭނެ ފަދަ ޞިއްޙީ ނިޒާމެއް ގާއިމްކުރަން ގުޅިގެން މަސައްކަތްކުރަން ޖެހޭ" ފަސްޓް ލޭޑީ


  • އެންޑޮމެޓްރިއޯސިސްއަކީ ކޮންމެ 10 އަންހެނުންގެ ތެރެއިން އެކަކަށް ޖެހޭ ބައްޔެއް

  • ފަރުވާތަކާ ބެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެހެއްޓުމަކީ އިޚްތިޔާރީ ކަމެއް ނޫންކަމަށް ވިދާޅުވި

އެންޑޮމެޓްރިއޯސިސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަންހެނުންގެ ދުޅަހެޔޮކަން ކަށަވަރުކުރެވޭނެ ފަދަ ޞިއްޙީ ނިޒާމެއް ގާއިމްކުރަން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ ސާޖިދާ މުުޙައްމަދު މިހެން ވިދާޅުވީ، އެސްއޯޖީއެމް ވޯކްޝޮޕް ސީރީޒް 3 ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، އެންޑޮމެޓްރިއޯސިސްއަކީ އިތުރު ސަމާލުކަމެއް ދޭންޖެހިފައިވާ މުހިންމު ޞިއްޙީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެމުންދާ ބައްޔެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ ކޮންމެ 10 އަންހެނުންގެ ތެރެއިން އެކަކަށް ޖެހޭ ބައްޔެއް ކަމަށެވެ. ދިވެހިރާއްޖޭގައިވެސް ގިނަ އަންހެނުންނަށް މި ބަލި ޖެހިފައިވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާ ވިދާޅުވީ، މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ އާދައިގެ އަންހެނުންތަކެއް އާދަޔާ ޚިލާފު ބައްޔަކާދެކޮޅަށް މިހާރުވެސް ހަނގުރާމަކުރަމުންދާކަމަށެވެ. އަދި އެންޑޮމެޓްރިއޯސިސްއާއެކު ދިރިއުޅޭ އަންހެނުންނަކީ އާދަޔާ ޚިލާފު ކެތްތެރިކަމެއް ހުރި ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެ ފަރާތްތަކަކީ މަސައްކަތުގެ ޒިންމާތަކާއި، އާއިލާއާއި ގޭތެރޭގެ ޒިންމާތަކާއެކު އެއްހަމައެއްގައި ކުރިއަށް ދާ ބައެއްކަމަށް ވިދާޅުވިއެވެ.

އެންޑޮމެޓްރިއޯސިސްއަކީ ރަޙިމުގެ އެތެރެފުށުގައި ހުންނަ ޓިޝޫއާ އެއްގޮތް ޓިޝޫއެއް، ރަޙިމުން ބޭރުގައި އުފެދުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ ފައިގެ ފަލަމަސްގަނޑު ހިމެނޭ ހިސާބުގައި ގަދަ ވޭނެއް އިޙްސާސްކުރެވޭ އަދި މާބަނޑުވުމަށް ދަތިވާ ބައްޔެކެވެ.

ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި، ގިނަ މީހުން ވަޒީފާ ގެއްލުމުގެ ބިރުން މީހުން ދެކެފާނެ ގޮތަކާމެދު ވިސްނައި މިބަލި ހާމަނުކޮށް މަސައްކަތަށް ނުކުންނަކަމަށެވެ. އަދި ހަށިގަނޑުގައި ކިތަންމެ ވޭނެއް އެޅިއެއްކަމަކު މަސައްކަތަށް ހާޒިރުވެ، ގޭތެރޭގެ މަސައްކަތުގައި ހަރަކާތްތެރިވެ އާއިލާގެ ކަންކަން ބަލަހައްޓަމުންދާކަންކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، މި ބަލި ތަހައްމަލުކުރަމުންދާ އަންހެނުންނަށް އެމީހުންގެ ވޭނަކީ ހަމައެކަނި ސިކުނޑީގައި އުފެދޭ އެއްޗެއްކަމަށް ބުނެވިފައިވާކަމަށް ރިޕޯޓުކުރެވިފައިވާކަމަށެވެ. އަދި ޚާއްޞަ ފަރުވާއާއި ވަގުތުން ބަލި ދެނެގަތުމުގެ ދަތިވުމުގެ ސަބަބުން، ގިނަ އަންހެނުން ސަރޖަރީތަކަށް ދާންޖެހިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"އެންޑޮމެޓްރިއޯސިސްގެ އަސަރު ޖިސްމާނީ އަލާމާތްތަކަށްވުރެ މާބޮޑަށްވެސް ފުޅާ. ބަލި ދެނެގަނެވިފައިވިޔަސް ނުވަތަ ނޫންނަމަވެސް، އެކަމުގެ އަސަރު ނަފްސާނީ ދުޅަހެޔޮކަމަށާއި، ޖިސްމާނީ ޞިއްޙަތަށް ކުރޭ. މިގޮތުން ދާއިމީ ވޭނާއި ދަރިމައިވުމުގެ ގޮންޖެހުންތައް ކުރިމަތިވޭ. އަދި މީގެ އިތުރުން ކަންބޮޑުވުމާއި ހިތްދަތިކަން އުފެދި، އަންހެނުންގެ ދިރިއުޅުމުގެ ފެންވަރަށްވެސް ނޭދެވޭ އަސަރުތައްކުރޭ" ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، ވޭތުވެދިޔަ ދެ ދުވަހު ކުރެވުނު މަޝްވަރާތަކުން، ދިވެހި އަންހެނުންނަށް އެންޑޮމެޓްރިއޯސިސްގެ ސަބަބުން ކުރާ އަސަރު ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާކަމަށެވެ. އަދި މިއީ ހަމައެކަނި ޞިއްޙީ މައްސަލައެއް ނޫންކަމަށާއި، މިއީ ގިނަ ފަރުދުންނާއި، ޢާއިލާތަކާއި އަދި މުޖުތަމަޢުތަކަށް އަސަރުކުރާ ބައްޔެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެން އެންމެންގެ ސަމާލުކަމާއި ޢަމަލު ބޭނުންވާ މުޖުތަމަޢުގެ ގޮންޖެހުމެއް. އެހެންކަމުން، އަޅުގަނޑުމެން ލިބިފައިވާ މަޢުލޫމާތު ކުރިއަށް ގެންދަން ޖެހޭނެ. އަދި ތަޢުލީމާއި ހޭލުންތެރިކަމުގެ ޒަރީޢާއިން އެ މަޢުލޫމާތު ފެތުރުމަކީ އެންޑޮމެޓްރިއޯސިސްއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ އެންމެ ވަރުގަދަ ވަސީލަތްތަކުގެ ތެރެއިން އެކެއް" ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޞިއްޙީ ޚިދުމަތްތެރިންގެ ހައިސިއްޔަތުން، އެންމެ ފަހުގެ ދިރާސާތަކާއި، ބަލި ދެނެގަތުމުގެ ގޮތްތަކާއި އަދި ފަރުވާއާ ބެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި މެދުނުކެނޑި ކުރިއަށްދާ ޞިއްޙީ ތަޢުލީމަކީ ހަމައެކަނި ޕްރޮފެޝަނަލް ޒިންމާއެއް ނޫންކަމަށާއި، އެއީ ރަނގަޅު ނަތީޖާތަކެއްގެ އިތުރުން ރަނގަޅު ފަރުވާއަކަށް ވާޞިލުވުމުގެ މަގެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.