ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ލޯގޯ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މިއީ މިއަހަރުގެ ޖުލައި މަހުގެ 14ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓަޑަށް ބަދަލުކުރުމުގެ ސަބަބުން ގެނެވުނު ބަދަލެއްކަމަށް ވީއެމްސީއިން ވިދާޅުވެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން ވިދާޅުވީ މި ލޯގޯ ފަރުމާކޮށްފައިވަނީ ނޫ އުޑާއި، ކަނޑު އަދި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ގޮތަށްކަމަށެވެ. އަދި މި ލޯގޯގައި ދޫނި ސޫފާ ސޫފި، މަސްމަހާމެހި، އަދި ގަސްގަހާގެހި ސިފަވާނެފަދަ ގޮތަކަށް ކުންފުނީގެ ނަން އިނގެރޭސި އަކުރުން ވަނީ ލިޔެފައެވެ.
މީގެ އިތުރުން، އާންމުކޮށް ބޭނުންކުރާނެ ރަސްމީ ލޯގޯގެ އިތުރުން، އެކި ހާލަތްތަކުގައި ބޭނުންކުރުމަށް ލޯގޯގެ މޮނޮކްރޮމެޓިކް، އަދި ވެކްޓަރ ފަރުމާތަށްވެސް މި ބްރޭންޑިގގެ ތެރޭގައި ހިމެނޭކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
31 އޮގަސްޓް 2025ން ފެށިގެން ވީއެމްސީގެ ކޯޕަރޭޓް ބޭނުންތަކަށް ހުރިހާ މަންޞަތަކާއި، ވަސީލަތްތަކެއްގައިވެސް ބޭނުން ކުރަމުންދާނީ އަލަށް ފަރުމާކުރެވުނު ލޯގޯ އަދި ބްރޭންޑިންގ އުންޞުރުތައްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. އަދި މި އުންސުރުތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހުށަހެޅުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓުމާއެކު، ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ބްރޭންޑުގެ އަޞްލު ދަމަހައްޓަންކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ.
މި ލޯގޯ ބޭނުންކުރަމުންދާނީ ދިވެހިރާއްޖެ ޕްރޮމޯޓުކުރުމަށް އެ ކޯޕަރޭޝަނުން ގެންގުޅޭ "މޯލްޑިވްސް" އަދި "މޯލްޑިވްސް ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ބްރޭންޑިންގް ތަކާއިއެކުގައިކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން މައުލޫމާތުދެއްވައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަކީ "މޯލްޑިވްސް" ބްރޭންޑާއި "މޯލްޑިވްސް. ދަ ސަނީ ސައިޑް އޮފް ލައިފް" ޝިއާރުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ ކުންފުންޏެކެވެ.