ޚަބަރު

އެމްޕީއެލް ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމަށް އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރަނީ


  • މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މި ކިއު ލައިވްކޮށް ބޭނުންކުރާނެ

  • ހުޅުމާލެ ޓާމިނަލްއިން މުދާ ކްލިއަރކުރެވޭނީ މި ކިޔުގެ ތެރެއިން

އެމްޕީއެލް ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމައިފިއެވެ. މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ޤާއިމްކޮށް،މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މި ކިއު ލައިވްކޮށް، ބޭނުންކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.

މި ކިއު ތައާރަފްވުމާއެކު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއަރކުރެވޭނީ މި ކިޔުގެ ތެރެއިން ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. މިބަދަލާއެކު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއަރ ކުރުން އަވަސްވެ، އާންމުނަށް ދެވޭ ޚިދުމަތަށް އިތުރަށް އަވަސް ވެގެންދާނޭކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

އެމްޕީއެލުން ވަނީ މި ކިއުގައި ބައިވެރިވުމަށް އެ ކުންފުނީގެ ވެބަސައިޓުން ފޯމް ޑައުންލޯޑުކޮށް ފުރުމަށްފަހު އޮފީހަށް ހުށަހެޅުމަށް އެދިފައެވެ. އެމްޕީއެލްއިން ވަނީ މި ކިއުގައި ބައިވެރިކުރުމަށް ބަލާނެ މިންގަނޑުތައްވެސް އާންމުކޮށްފައެވެ.

އެގޮތުން މާލެ ކޮމާޝަލް ހާބަރ ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރެޖިސްޓްރޭޝަން ފޯމާއެކު އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަންޖެހެއެވެ. އަދި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތަކީ އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލުކުރެވިފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ.

މީގެ އިތުރުން މި ކިއުގައި ބައިވެރިވުމަށް ވެހިކަލްގެ ވެރިފަރާތަކީ ދިވެއްސަކަށް ވާންޖެހެއެވެ. އަދި އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްއަކަށް ވާންޖެހުމާއި ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލްތަކަކަށްކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެމްޕީއެލުން އަންނަނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުމަތިކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.