ވިލިމާލޭގައި ތަރައްޤީކުރާ އައު ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރުގެ ހޮސްޕިޓަލްގެ ޚިދުމަތްތައް ވަގުތީ ޢިމާރާތަށް ބަދަލުކުރުމަށް ތައްޔާރުވެފައިވާކަމަށާއި، އެކަމުގެ ކުރެހުންތައް މިހާރު ނިމިފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއްޖެއެވެ. ވިލިމާލެ ހޮސްޕިޓަލް އަލުން ތަރައްޤީކުރުމަށްޓަކައި އެ ހޮސްޕިޓަލްގެ ޚިދުމަތް ވަގުތީ ގޮތުން ބަދަލުކުރުމަށް ނިންމާފައިވަނީ ކުޑަކުދިންގެ ހިޔާ ހިންގި ޢިމާރާތަށެވެ.
ވިލިމީލޭގައި މިހާރު ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލް ތަޅާލާ އެތަނުގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގެ ޢިމާރާތާއި އަދި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ.
ވިލިމާލެ ހޮސްޕިޓަލްގެ ޚިދުމަތް ވަގުތީ އިމާރާތަށް ބަދަލުކުރުމާ ގުޅޭގޮތުން މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވީ ޚިދުމަތް ބަދަލުކުރާ އިމާރަތުގެ ކުރެހުންތައް މިހާރު ނިންމާފައިވާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ނިޔަލަށް ވިލިމާލޭ ހޮސްޕިޓަލުގެ ވަގުތީ އިމާރާތުގެ ސެޓަޕްގެ މަސައްކަތް ނިންމައި ޚިދުމަތްތައް ބަދަލުކުރުންކަމަށްވެސް އެމްސީޖީއެޗުން ވިދާޅުވިއެވެ.
ވިލިމާލޭ ހޮސްޕިޓަލްގެ ޚިދުމަތް ވަގުތީ އިމާރާތަށް ބަދަލުކުރާއިރު އިންޓީރިއަރ ނުވަތަ ޢިމާރާތުގެ އެތެރެއަށް ގެނަންޖެހެނީ ކޮންކަހަލަ ބަދަލުތަކެއްކަން ދެނެގަނެ އެތަނުގެ ފްލޯ ޕްލޭނާއި އީއާރް ޤާއިމުކުރުމުގެ ޕްލޭނިންގ މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި އުންމީދަކީ ވިލިމާލޭ ހޮސްޕިޓަލް ޤާއިމުވުމާއި ހަމައަށް މަޑުނުކޮށް މިހާރު ދޭ ޚިދުމަތްތަކާއި އަދި އިތުރު ޚިދުމަތްތަކާއި، އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ނިޒާމަކާއެކު ވިލިމާލޭގައި ވަގުތީ ހޮސްޕިޓަލެއް ޤާއިމުކުރުންކަމަށް ސީއީއޯ ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ކޮންގް ޝިންހުއާ ވަނީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އައު ހޮސްޕިޓަލްގެ ފީސިބިލިޓީގެ މަސައްކަތް ނިމި މިހާރު އެކްސްޗޭންޖް އޮފް ނޯޓްސްގައި ވަނީ ސޮއިކޮށްފައެވެ. އަދި ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ހޮސްޕިޓަލު ހުރި ބިމާއި ވަށައިގެންވާ ސަރަޙައްދުވެސް ހިމެނޭހެން ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.
ވިލިމާލޭ ހޮސްޕިޓަލު ތަރައްޤީކުރުމަށް މިހާރު ހުރި ހޮސްޕިޓަލް ތަޅާލާ އެތަނުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއެވެ.
އާބާދީގައި 15000އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އެއަބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައިނުވެއެވެ. މި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު އިމަރޖެންސީގައި ބޭނުންކުރަނީ 5 އެނދެވެ. އެހެންކަމުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވުމަކީ ވިލިމާލޭ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. ވިލިމާލޭގައި ޤާއިމްކުރާ އައު ހޮސްޕިޓަލާއެކު މިކަމަށް ޙައްލުލިބޭނެއެވެ.
ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.