"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލާ ގުޅޭގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކާއި ކަމާގުޅުންހުރި ހުރިހާ އިދާރާއަކާ މަޝްވަރާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވަނީ މީޑިއާ ބިލު އަންނަ މަހުގެ 15ވަނަ ދުވަހާ ހަމައަށް ނިންމުމަށް ފާސްކޮށްފައެވެ. އަދި އެ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލުމަށްވެސް އެ ކޮމިޓީން ފާސްކުރިއެވެ.
ކޮމިޓީން ނިންމީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކާ މަޝްވަރާކުރުމަށެވެ. އަދި މިއީ ޙައްގުތަކާ ގުޅުންހުރި ބިލަކަށްވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާވެސް މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން މި މައްސަލައަކީ ޒުވާނުންނާވެސް ގުޅުންހުރި މައްސަލައަކަށްވާތީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއާވެސް މަޝްވަރާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުުން ހުއްޓުވުމުގެ އިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.