ޚަބަރު

ސްވިޑެންގެ ސްކޮޑުގައި އިސާކް ހިމަނައިފި


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ސްވިޑެންއިން ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑުން ނިއުކާސަލް ޔުނައިޓެޑުގެ ފޯވާޑް އެލެކްޒެންޑަރ އިސާކަށް ފުރުސަތުދީފިއެވެ.

ކޮލިފައިންގައި ސްލޮވޭނިއާ އާއި ކޮސޯވޯއާ ދެކޮޅަށް އަންނަ މަހު ކުޅޭ ދެ މެޗަށް ކޯޗު ޖޮން ޑާލް ޓޮމަސޮން އެކުލަވާލި ސްވިޑަންގެ ޓީމުން އިސާކް އަށް ފުރުސަތު ދީފައިވާއިރު ފާއިތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އޭނާ ވާދަވެރި ފުޓްބޯޅަ މެޗެއް ކުޅެފައެއް ނުވެއެވެ.

އުމުރުން 25 އަހަރުގެ އެލެކްޒެންޑަރ އިސާކް ހޯދުމަށް ލިވަޕޫލް އިން ހުށައެޅި 110 މިލިއަން ޕައުންޑުގެ ހުށައެޅުން ނިއުކާސަލް އިން ދޫކޮށް އޭނާ ނުވިއްކާނެކަމަށް އެ ކްލަބުން ބުނުމާއިއެކު އިސާކް އާއި ނިއުކާސަލް އާއި ދެމެދު އޮތް ގުޅުން ގޯސްވެ އޭނާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި އިސާކް މިހާރު ފަރިތަކުރަމުންދަނީ ޓީމާއި ވަކިން އެކަނި އެވެ.

އިސާކް ވަނީ ނިއުކާސަލް އިން އޭނާ ކައިރި ދައްކާފައިވާ ވާހަކަތަކާއި ހިލާފުވެފައިވާކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ. ނަމަވެސް އޭނާ އެ ކްލަބު ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާނަމަ އެ ކަމަށް އެއްބަސްވެފައިނުވާނެ ކަމަށް ނިއުކާސަލް އިން ވަނީ އިސާކްގެ ބަޔާނަށް ރައްދު ދީ ބުނެފަ އެވެ.

ތޮމަސޮންގެ ސްކޮޑުން އިސާކް އަށް ފުރުސަތު ދީފައިވާއިރު އޭނާ ވަނީ އާސެނަލްގެ ފޯވަޑް ވިކްޓަރ ގިޔޮކޭރެސް ވެސް ސްކޮޑުގައި ހިމަނާފަ އެވެ. އޭނާ ވަނީ އާސެނަލް އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ދެ ލަނޑު ޖަހާފަ އެވެ.

އިސާކް ވަނީ ނިމިގެންދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑަށް 20 ލަނޑު ޖަހައިދީފަ އެވެ.