ވޯލްޑް ކަޕް ކުޅޭ އިނގިރޭސި ޓީމުގެ ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.
ކުޅުންތެރިންގެ ބޫޓާއި ފައިވާނާއި ޓީމުގެ ބައެއް ޖާޒީތަކާއި ދިދަތައް ވަގުން ގެންދިޔައީ އިނގިރޭސިން އެމެރިކާގައި ކޭމްޕް ކޮށްގެން ތިބޭ ކެންސަސް ސިޓީ އަށް ސާމާނުތައް ގެންދިއުމުގެ ތެރޭގަ އެވެ.
އެ ސިޓީގެ ފުލުހުން ބުނީ މި މައްސަލަ ބަލައި މިހާރު ބައެއް ތަކެތި ހޯދައި ހަވާލު ވެސް ކޮށްފައިވާ ކަމަށެވެ.
އިނގިރޭސި ޓީމުން ބުނީ ގެއްލުނު ތަކެތީގެ ތެރޭގައި ކުޅުންތެރިންގެ ބައެއް ސާމާނު ހުރި ނަމަވެސް މުހިންމު އެއްވެސް އެއްޗެއް ނެތް ކަމަށެވެ.
"ވަރަށް ގިނަ ކުޅުންތެރިން އެކިއެކި ބޫޓު ގެންގުޅޭނެ. އަދި އަމިއްލަ ފައިވާން ފަދަ ތަކެތި ވެސް ގެންގުޅޭނެ. މިކަހަލަ ތަކެތި ގެއްލުނީ އަހަރުމެން ސާމާނުތައް ކެންސަސް ސިޓީ އަށް ބަދަލު ކުރުމުގެ ތެރޭގައި،" އިނގިރޭސި ޓީމުން ބުންޏެވެ.
1966 ވަނަ އަހަރުގެ ޗެމްޕިއަން އިނގިރޭސިން، ކެނެޑާ އާއި މެކްސިކޯ އާއި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފަށާނީ ޖޫން 18 ވަނަ ދުވަހު ކްރޮއޭޝިޔާ މެޗުންނެވެ.