މިއަހަރު ސަރުކާރުން ރަސްމީކޮށް ޤައުމީ ދުވަސް ފާހަގަކޮށްފައިވަނީ ހއ.އުތީމުގައެވެ. އުތީމުގައި މި ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވާފަވާއިރު، ޤައުމީ ދުވަހުގެ ހަރަކާތްތައް އުތީމުގައި ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.
އުތީމުގައި ޤައުމީ ދުވަސް ޖެހިޖެހިގެން 2 އަހަރު ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރު ޖެނުއަރީމަހު، އުތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އުތީމުގައި ދެ ދުވަހަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ޤައުމީ ދުވަސް އުތީމުގައި ފެށީ ދިދަނެގުމުގެ ޚާއްސަ ރަސްމިއްޔާތާއެކުއެވެ. މި ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް އުތީމަށް ވަޑައިގަތުމުން ރަށުން ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.
އުތީމުގައި އެންމެ ޚާއްސަ ކަމަކަށް ކުރިއަށްދިޔައީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއެވެ. މި ޖަލްސާގައި ފުރަތަމަ ފަހަރަށް، އަތޮޅުތެރޭގެ ރަށެއްގައި ޤައުމީ އިނާމު ވަނީ ދެއްވާފައެވެ. އެގޮތުން، ޤައުމީ އިނާމު 3 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވާފަވެއެވެ.
މީގެއިތުރުން ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އަރުވާފައެވެ. މިއީ ރަށެއްގެ ރައްޔިތުންނަށް މިފަދަ ޝަރަފެއް އެރުވި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ އުތީމުގައި ބައެއް އުމްރާނީ މަސައްކަތްތަކުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ. އެގޮތުން މެހުމާނުން މަޑުކޮށްލުމާ ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ތަރައްޤީކުރި "އޮނު ހިޔާ"، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވިއެވެ.
އަދި ރަށުގައި ޤައުމިއްޔަތު ދިރުވާ އާލާކުރުމާއި، ޣާޒީ ބަންޑާރައިންގެ އަސަރުތައް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެދަށުން "ބޮޑުތަކުރުފާނު ދޮރޯށި"ގެ ބިންގާ އަދި ބަނދަރު މަތީ ބޮޑު ދިދަ ބެހެއްޓުމުގެ ބިންގާ ވަނީ އަޅުއްވައިދެއްވާފައެވެ. މީގެއިތުރުން އުތީމާ، އަތޮޅުގެ އިތުރު ދެ ރަށެއް ހިމެނޭހެން ޤައުމީ ދުވަހަށް ރަށަށް ވަޑައިގެންނެވި ޢިއްޒަތްތެރިންނަށް "ބޮޑު ކޭން" ޖާފަތެއް ވަނީ ދެއްވާފައެވެ.
އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ޤައުމީ ދުވަހުގެ މުނާސަބާގެ ހުރިހާ ހަރަކާތްތައް ވަރަށް ފުރިހަމައަށް ކުރިއަށްގެންގޮސްފަވާކަމަށެވެ. މިކަމުގައި ރަށުގެ ރައްޔިތުން ދެއްވި އެހީތެރިކަމާ ދެއްވި އެއްބާރުލުމަށް ކައުންސިލްގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.
"އަންނަ އަހަރަށް މި އުއްމީދުކުރަނީ މިއަހަރަށްވުރެ މާ ކުލަގަދަކޮށް، މާ ގިނަ ހަރަކާތްތަކާއެކު ދުވަސް ފާހަގަކުރެވޭނެކަމަށް. އަދި ރަށަށް މާ ގިނަ ޢުމްރާނީ ކުރިއެރުންތައް ހޯދޭނެކަމަށް އުއްމީދު ކުރަނީ." އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ރަސްމީ ހަރަކާތްތަކުގެ އިތުރުން އުތީމުގައި ވަނީ އުތީމާއި އަތޮޅުގެ އިތުރު 5 ރަށް ހިމެނޭހެން ސަޤާފީ ކުޅިވަރު ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި އެ ރަށްރަށަށް މަޝްހޫރު ސަޤާފީ ހުށައެޅުންތައް ހުށަހަޅާފަވެއެވެ.
މީގެއިތުރުން ހަވާގެ ކުޅިވަރާ، ބޮޑުބެރު ޝޯވ އަދި ކުޑަކުދިންގެ ހަވީރު ވަނީ ބާއްވާފައެވެ. އަދި އުތީމު "ވާހަކަ ވައު"ގައި ކަނދު ގަސް އާލާކުރުމުގެ މަޝްރޫޢުއެއް ވަނީ ފަށާފައެވެ.