ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ.
މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި ނޮޅިވަރަމު ދާއިރާގެ މަޖިލިސް މެމްބަރު މުހަންމަދު ރަޝީދުގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. އަދި އޭގެ އިތުރުން ނޮޅިވަރަމު ކައުންސިލުގެ ނައިބު ރައީސް މުހަންމަދު ހުސައިންވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެ ބިންގާ އަޅުއްވައިދެއްވާފައެވެ.
މިމަޝްރޫއަކީ ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)އާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.
ނޮޅިވަރަމުގައި އަލަށް ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްއާއި ގުޅޭގޮތުން އެރަށު ކައުންސިލުގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ އެރަށަށް މިފަދަ މަރުކަޒެއްގެ ވަރަށް މުހިންމުކަމަށެވެ. އެރަށަކީ ޒުވާނުންގެ އާބާދީ ބޮޑު ރަށަކަށްވެފައި ކުޅިވަރުގެ ރަށެއްކަމުން މިފަދަ ސެންޓަރެއް ރަށުގައި ގާއިމުވެގެންދިއުމަކީ ކުޅިވަރުގެ ދާއިރާއިން ރަށަށް ލިބިގެންދާނެ ތަރައްޤީއެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިފަދަ ސެންޓަރެއް ރަށަށް ވަރަށް މުހިންމު. މިރަށަކީ ޒުވާނުންގެ އާބާދީ ބޮޑު ރަށެއް. އަނެއްކޮޅުން ވަސީލަތްތައް މަދު ރަށެއްވެސްމެ. އެެހެންކަމުން މިފަދަ ސެންޓަރެއް ސަރުކާރުގެ ފަރާތުން ރަށުގައި ގާއިމުކޮށްދެއްވުމަކީ އަޅުގަނޑުދެކޭ ގޮތުގައި ވަރަށް ބޮޑު ހެޔޮކަމެއް" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ތިންހާހާ ގާތްކުރާ އާބާދީއެއް އޮންނަ ނޮޅިވަރަމަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިގޮތުން އެކި ކުޅިވަރުތަކުން މަޝްހޫރު ކުޅުންތެރިން އެރަށުން އުފެދިފައިވެއެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ތިންވަނަ ކީޕަރު އިޔާން އަބްދުލްއަލީމް އާއި ކުރިން ގައުމީ ވޮލީ ޓީމުގެ ސެޓަރަކަށް ކުޅުނު ހުސައިން ހަމީދު ފާހަގަކޮށްލެވެއެވެ.