ޚަބަރު

ނެއްލައިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


ހދ. ނެއްލައިދޫގައި ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން އެރަށު ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ކައުންސިލުގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންފައެވެ.

މިއީ އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލުގެ ރައީސް މުހަންމަދު އަލީފް ވިދާޅުވީ މިމަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް އަންދާޒާކުރާކަމަށެވެ.

ހދ. ނެއްލައިދޫއަކީ ރަށުގެ ނިސްބަތުން ގިނަ އަދަދެއްގެ ރައްޔިތަކު ރަށުގައި ދިރިއުޅޭ ރަށެއްކަމުން މިފަދަ މަރުކަޒެއް ރަށަށް ވަރަށް މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިމަރުކަޒު ނިންމާ ބޭނުންކުރަންފެށުމުން ޒުވާނުންގެ ހުސްވަގުތުތައް ބޭނުންތެރި ގޮތުގައި ބޭނުންކުރެވޭނެކަމަށް އަލީފް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއިވެސް އެތަން ގުޅިލާމެހިފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ. ސަބަބަކީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ކަސްރަތުގެ ހަރަކާތްތައް ހިންގޭނެކަމަށާ، މިއީ ހުރިހާ އުމުރެއްގެ ބަޔަކަށް ބޭނުންކުރެވޭނެ ގޮތަކަށް ބިނާކުރެވިގެންދާ ތަނެއްކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"މިރަށުގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު. އެހެންކަމުން ޒުވާނުންނަށް ވަކިން މި މަރުކަޒުގެ ބޭނުން ހިފޭނެ. އެކުދިންގެ ހުސްވަގުތުތައް ބޭނުންތެރި ވަގުތުތަކަކަށް މި މަރުކަޒުގެ ސަބަބުން ވެގެންދާނެ. އޭގެ އިތުރުންވެސް މިއީ ހަމަ ހުރިހާ އުމުރުފުރާއަކަށް ޚާއްސަ ތަނެއް. ކަސްރަތު ޕްރޮގްރާމުތައްވެސް މިތަނުގައި ކުރިއަށްދާނެ" އަލީފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ކުޅިވަރުގެ ދާއިރާއިން އެރަށަށް އުފާވެރިކަމުގެ ގިނަ ޚަބަރުތަކެއް ދެއްވާފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން އެރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓް ހަރުކޮށްދެއްވާނެކަމަށާ، އެރަށުގައި ތަރައްގީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު، ފައްޓަވާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.