ޚަބަރު

މޭޑް އިން މޯލްޑިވްސް ލޯގޯއާއި ސީލް ޖެހުމަށް ޙިޔާލު ހޯދައިފި


މޭޑް އިން މޯލްޑިވްސް ލޯގޯއާއި ސީލްއާއި ގުޅޭގޮތުން ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކާއެކު ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އައިޖީއެމްއެޗްގެ އޯކިޑް ހޯލުގައި ބޭއްވި މިބައްދަލުވުމުގައި މޭޑް އިން މޯލްޑިވްސް ޖަހާނެ ބާވަތްތަކުގެ އުފެއްދުންތަކާއި، ބާވަތްތައް ކަނޑައަޅާނެ ގޮތާ، ހަރުކުރާނެ ހޮލޮގުރާމްގެ ސައިޒާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އިކޮނޮމިކް މިނިސްޓްރީން ބޭއްވި މި ބައްދަލުވުމުގައި ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށްވަނީ މޭޑް އިން މޯލްޑިވްސް ޖަހާ އުފެއްދުންތައް ކަނޑައެޅުމާއި މިހާރު ހުރި އުފެއްދުންތަކަށް ހަދާނެ ގޮތެއްގެ އިތުރުން މޭޑް އިން މޯލްޑިވްސް ލޯގޯ ވީހާވެސް އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މޭޑް އިން މޯލްޑިވްސް ލޯގޯ ޖަހައިގެން އުފެއްދުންތައް ނެރެވޭވަރު ކުރުން ކަމަށާއި އެހެންނަމަވެސް ލޯގޯ ޖަހަން ފެށުމުގެ ކުރިން އެފަދަ ތަކެތި އުފައްދާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ބޭނުންވާނެ ކަމަށް މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމްއާއި ވާހަކަދައްކަވަމުން އިކްނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބުދުﷲ މުހައްމަދު ވިދާޅުވިއެވެ. މިފަދަ އިތުރު ބައްދަލުވުންތައްވެސް ބާއްވާނެކަން ފާހަގަކުރައްވަމުން އަބުދުﷲ ވިދާޅުވީ، މޭޑް އިން މޯލްޑިވްސް ލޯގޯ ޖަހަން ފެށުމަކީ، ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ތަކްލީފަކަށް ނުވާނެގޮތަށް އެ މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ތުނޑުކުނާ ވިޔުމުގެ މަސައްކަތް ކުރިޔަށްގެންދާ ގދ.ގައްދޫގެ ބައެއް މީހުންނާއި ލިޔެލާ ޖެހުމަށް މަޝްހޫރު ބ.ތުޅާދޫގެ ބައެއް މީހުންވެސް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މިބައްދަލުވުމުގައި ސުވެނިއާ ފިހާރަތައް ހިންގާ ބައެއް ފަރާތަކުންވެސް ބައިވެރިވިއެވެ.