އަންހެނުންގެ ލޯންގްކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރިކޯޑު ދިވެހި ފެތުންތެރިން އައުކޮށްފިއެވެ.
މި ރިކޯޑު އައުކޮށްފައިވަނީ ރޮމޭނިއާގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ފަސް މިނެޓު 4.04 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރިކޯޑު އަައުކުރި ޓީމުގައި ހިމެނެނީ މަލައިކާ ލިންދާ ޢިމްރާން، ސާރާ މުޙައްމަދު، މިރާލް އައިން ލަތީފް އަދި އަމްނާ ތަޒްކިޔާ މިރުސާދެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އަައުކޮށްފައިވަނީ 2023 ވަނަ އަހަރު މަޑަގަސްކަރައިގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ފަސް މިނެޓު 15.09 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. އެ ފަހަރު ރިކޯޑު އަައުކުރި ޓީމުގައި ހިމެނުނީ އާއިޝަތު ސައުސަން، ޒައިނަބް އަބްދުﷲ ޝަފީގު، ހަނާން ހުސައިން ހަލީމް އަދި މިރާލް އައިން ލަތީފއވެ.
ރޮމޭނިއާގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިން ވަނީ މުޅި ޖުމްލަ 9 އިވެންޓަކުން 10 ގައުމީ ރިކޯޑު އަައުކޮށްފައެވެ.