ޣާޒީ ބަންޑާރައިންގެ އަސަރުތައް ޙިމާޔަތްކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ބޮޑުތަކުރުފާނު ދޮރޯށީގެ ބިންގާ އަޅައިފިއެވެ.
ބޮޑުތަކުރުފާނު ދޮރޯށީގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ހއ. އުތީމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ބިންގާ އަޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ.
ބޮޑުތަކުރުފާނުގެ ދޮރޯށީގެ ބިންގާ އަޅާފައިވާއިރު، މިއީ ޣާޒީ ބަންޑާރައިންގެ އަސަރުތައް ޙިމާޔަތްކޮށް، ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތަކުން އާމްދަނީ ހޯދުމަށްޓަކައި އެ ސަރަހައްދުގައި ހިންގޭ ޚާއްސަ މަޝްރޫޢެކެވެ.
ބޮޑުތަކުރުފާނު ދޮރާށި ފަރުމާކޮށްފައިވަނީ، ކަޅުއޮތްފުންމީގެ ހަ ބަޠަލުންނާއި، އިސްލާމް ދީން އިޔާދަކުރެއްވުމާއި، ދިވެހިންގެ ސަގާފަތާއި މިނިވަންކަން ރަމްޒްކޮށްދޭގޮތަށެވެ. އެގޮތުން ދިވެހިންގެ އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްފައިވާ 6 ތަނބު ރަމްޒުކޮށްދެނީ ދިވެހިންގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި ހަ ބަޠަލުންނެވެ. ރޭގަނޑަށް ދިއްލޭ މި 6 ބައްތިން ރަމްޒުކޮށްދެނީ ކަޅުއޮށްފުންމީގެ 6 ބަޠަލުން ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ފަނޑުވުމެއްނެތް ހަނދާންތަކެވެ.
1558 ވަނަ އަހަރު ރާއްޖެ އަޅުވެތިކޮށް، މި ޤައުމުގެ މައްޗަށް އަތްގަދަކުރި ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި ރާއްޖެ މިނިވަންކޮށްދެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދާ ގުޅިފައިވާ ވަރަށް ގިނަ އާސާރުތަކާއި ތަރިކަތައް ބޮޑުތިލަދުންމަތީގައި ހުރެއެވެ. ޚާއްސަކޮށް އެ ތަކުރުފާނުގެ އުފަން ރަށް ހއ. އުތީމާއި އެ ރަށާ ކައިރީގައި އޮންނަ ބާރަށާއި ތަކަންދޫގައި ހުރި ތަރިކަތައް ފާހަގަކޮށްލެވެއެވެ.
ޒަމާންތަކެއް ވަންދެން މި ތަރިކަތައް ބަލަހައްޓަމުން އައީ އެ ރަށްރަށުގައި ދިރިއުޅުނު ދިވެހިންނެވެ. ނަމަވެސް އެކަށީގެންވާ އަޅާލުން ނުދެވި ޤަދީމީ ބައެއް ތަރިކަތައް ވަނީ ނެތިގޮސްފައެވެ. ތަރިކައަކީ ބައެއްގެ އާދަކާދައާއި ތާރީޚު ބުނެދޭ މުހިންމު އެއްޗަކަށްވާއިރު، އިޤުތިޞާދީ ނަޒަރަކުން ބަލާނަމަ ތަރިކައަކީ އާމްދަނީވެސް ހޯދޭނެ އެއްޗެކެވެ. އެހެނީ އެކި ޤައުމުތަކުގައި ހުންނަ ތަރިކަ ބެލުމަށް ޤައުމުތަކަށް މިލިޔަނުން ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
އިޤުތިޞާދު ސިންދަފާތުކުރުމާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ތަރިކައިގެ ފަތުރުވެރިކަމެއް ކުރުމަކީ އެމަނިކުފާނު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. އެގޮތުން ޣާޒީ ބަންޑާރައިން ނުވަތަ މުޙައްމަދު ތަކުރުފާނާ ގުޅިފައިވާ ތަރިކަތައް ހިމާޔަތްކޮށް، ފަތުރުވެރިން ޝައުގުވެރިވާނެ ގޮތަށް ތަރިކަތައް ހުށައެޅުމަކީ މިގޮތުން ކުރެވޭ މަސައްކަތެވެ.