ޚަބަރު

ޕޯޗުގަލްގެ މަޝްހޫރު ފުޓްސަލް ތަރި ރިކާޑީނިއޯ ކުލަބު އެޗްޑީސީއަށް


އަންނަ މަހު ފަށާ ކުލަބް މޯލްޑިވްސް ފުޓްސަލް މުބާރާތް، ކުލަބު މޯލްޑިވްސް ކަޕް 2025 އަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ކުލަބު އެޗްޑީސީއަށް ޕޯޗުގަލްގެ މަޝްހޫރު ފުޓްސަލް ތަރި ރިކާޑީނިއޯ ގެނެސްފިއެވެ.

ރިކާޑީނިއޯ ކުލަބު އެޗްޑީސީ އާއި ގުޅިފައިވާކަން އެ ކުލަބުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ރިކާޑޯއަކީ 2021 ވަބަ އަހަރު ބޭއްވި ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޕޯޗުގަލަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެޗްޑީސީން ކުލަބް މޯލްޑިވްސް ކަޕަށް ނިކުންނައިރު ފުޓްސަލް ލެޖެންޑް ރިކާޑީނިއޯ ފަދަ ތަޖްރިބާ ބޮޑު ކުޅުންތެރިއެއް އެ ކުލަބުގެ ސްކޮޑްގައި ހިމެނުމަކީ އެ ކުލަބުގެ އެހެން ކުޅުންތެރިންނަށްވެސް ލިބިގެންދާނެ ކުރިއެރުމެކެވެ.

ކުލަބް މޯލްޑިވްސް ކަޕަށް ޓީމުތަކުން ތައްޔާރުވަމުން އަންނަ އިރު މިއީ ފުޓްސަލްގެ އެންމެ ފޯރިގަދަ އެއް މުބާރާތެވެ.

ރާއްޖޭގައި ބާއްވާ އެންމެ ވާދަވެރި ފުޓްސަލް ޓޮނަމަންޓްކަމަށްވާ ކުލަބް މޯލްޑިވްސް ކަޕުގައި މިއަހަރު 16 ޓީމަކުން ވާދަކުރެއެވެ. ބައެއް ޓީމުތަކުން އަންނަނީ ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ.


އެޗްޑީސީން ސޮއި ހޯދި ރިކާޑީނިއޯ އަކީ ޔުއެފާ ފުޓްސަލް ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރަޕިއަން ފުޓްސަލް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައިވާ ކާމިޔާބު ކުޅުންތެރިއެކެވެ. އޭނާ އަކީ 2004 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައިވާ ފުޓްސަލްގެ ތަޖްރިބާކާރު ކުޅުންތެރިއެކެވެ.

އޭގެތެރޭގައި ޕޯޗުގަލް، އީރާން އަދި ކިރްގިސްތާންފަދަ ގައުމުތަކުގެ ފުޓްސަލް ކުޅުންތެރިންގެ ސޮއި ބައެއް ކުލަބުތަކުން ވަނީ ހޯދާފައެވެ. މިއަހަރު ކުލަބް މޯލްޑިވްސްގެ މުބާރާތްތައް ފަށާނީ 30 އޮގަސްޓްގައެވެ.