ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފިއެވެ.
އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު މަޖިލީހުން ފާސްކުރީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤުތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި އެ ނޫންވެސް ކަމާގުޅޭ އުޞޫލުތައް ކަނޑައެޅުމެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީސް"ގެ ނަމުގައި ސަރުކާރު އިދާރާއެއް އުފެދޭނެއެވެ. މި އޮފީހުގެ ކަންކަން ބަލަހައްޓަވާނީ، އިޤުތިޞާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުންކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.
މި ޤާނޫނުގައި ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޢައްޔަނުކޮށް، ވަކިކުރާނެ ގޮތާއި ރަޖިސްޓްރާރގެ ޝަރުޠުތަކާއި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އޮފީހުގެ އިދާރީ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ތަފުސީލީ ގޮތެއްގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ފިކުރީ މުދަލުގެ ދަފުތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި ޤާނޫނުގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުންތަކާ ގުޅިގެން ޢަމަލުކުރާނެ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.