ޚަބަރު

ބީއެމްއެލްއިން އުކުޅަހުގައި ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • އުކުޅަހުގައި ހުޅުވާފައިވަނީ ބީއެމްއެލްގެ އިސްލާމިކް ބްރާންޗެއް

  • މިއީ މާލެއިން ބޭރުގައި ބަހައްޓާ 5 ވަނަ ޑޮލަރު އޭޓީއެމް

ބޭންކް އޮފް މޯލްޑިވްސްއިން އއ. އުކުޅަހުގައި ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

އުކުޅަހުގައި ތަރައްޤީކޮށްފައިވާ ބްރާންޗު އަދި އޭޓީއެމް ހުޅުވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އުކުޅަހު ޑޮލަރު އޭޓީއެމް އަދި ބްރާންޗު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭޓީއެމް އަދި ބްރާންޗު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ އެތަން ބައްލަވާލައްވާފައެވެ.

ޑޮލަރު އޭޓީއެމް ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮލަރު އޭޓީއެމުން ރަމްޒީކޮށް ފައިސާ ނެންގެވިއެވެ. ބްރާންޗު އަދި އޭޓީއެމް ހުޅުއްވައިދެއްވާ އުކުޅަހު ކައުންސިލަށް ހާއްސަ ހަނދާނީ ފިލާއެއް ވަނީ ހަވާލުކޮށްދެއްވާފައެވެ. މި ހަނދާނީ ފިލާއާއި ކައުންސިލުގެ ފަރާތުން ހަވާލުވީ އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމެވެ.

އުކުޅަހުގައި ތަރައްޤީކޮށްފައިވަނީ ބީއެމްއެލް އިސްލާމިކް ބާރާންޗެކެވެ. މި ބްރާންޗު މެދުވެރިކޮށް ބޭންކިންގ ހުރިހާ ޚިދުމަތެއްވެސް ލިބިގެންދާއިރު، އެރަށުގައި މިހާރުވެސް ދިވެހި ރުފިޔާގެ މުޢާމަލާތްތައް ކުރެވޭ އޭޓީއެމްއެއް ހުރެއެވެ. ރުފިޔާ އޭޓީއެމް އެކޭ އެއްގޮތަށް ޑޮލަރު އޭޓީއެމް އަކީވެސް 24 ގަޑިއިރު ފައިސާ ނެގޭ އަދި ޖަމާ ކުރެވޭ އޭޓީއެމްއެކެވެ.

އުކުޅަހުގައި އަލަށް ހުޅުވި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމް އަދި ބްރާންޗާއި ގުޅޭގޮތުން ސީއީއޯ ވިދާޅުވީ ގެސްޓް ހައުސް ޓުއަރިޒަމްގައި ކުރިއަރާފައިވާ އުކުޅަހުގައި ބޭންކުގެ ޚިދުމަތް ފުޅާވެގެން ދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި އަލަށް ގާއިމްކުރެވުނު ބްރާންޗާއި އޭޓީއެމްގެ ޒަރީއާއިން އުކުޅަހާއި ކައިރި ރަށްރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ތަރައްގީއަށް އެހީތެރިވެ، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މާލީ ހައްލުތައް ފަސޭހަކަމާއެކު ލިބިގެންދާނެ ޝަރީފް ވިދާޅުވިއެވެ.

އުކުޅަހުގައި ބީއެމްއެލްއިން ހުޅުވި ޑޮލަރު އޭޓީއެމްއަކީ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ހުޅުވި 5 ވަނަ ރަށެވެ. މީގެ ކުރިން ކ. މާފުށި، އައްޑޫސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ އަދި ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ސަރުކާރާއި އެހީތެރިކަމާއެކު، ބީއެމްއެލްއިން ފަށާފައިވާ މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ތެރެއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ ރަށްތަކުގައި މި ޚިދުމަތް ޤާއިމްކުރަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ މިހާރު އެ ބޭންކުން ރާށްޖޭގެ 20 އަތޮޅެއްގައި 42 ބްރާންޗެއް މެދުވެރިކޮށް ޚިދުމަތް ދެމުންދާނެ ކަމަށެވެ. އަދި އަދި 144 ސެލްފްސަރވިސް ބޭންކިންގ ސެންޓަރުގެ އިތުރުން 202 އޭޓީއެމް މިހާތަނަށް ބެހެއްޓި ޚިދުމަތް ދެމުންދާކަން ބީއެމްއެލްއިން ފާހަގަކުރެއެވެ. ބޭންކުގެ އަމާޒަކީ އޮންލައިން ބޭންކިންގ ހިދުމަތާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.